ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކޮށްދެއްވުމަށް ކެމްޕޭނު ކުރަމުންދާ ޓީމުތަކަށް ހިތްވަރުދެއްވައި، އަދާލަތު ޕާޓީގެ ރައީސް އަދި، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲއަށް ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَގެ ހާދީޘްބަސްފުޅެއް ކަމަށް ވިދާޅުވެ އިތުރުފުޅެއް ހެއްދެވިއްޖެވެ.

ރައީސް އިބްރާޙީމްގެ ރިޔާސީ ކެމްޕޭނަށް ނ. ހޮޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި އިމްރާން އެ ބިޔަ ކޯލިޝަންގެ ލަޝްކަރާ މުޙާތަބުކުރައްވައި ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ޖެހެންދެން ރެޔާދުވާލު ނިދުމެއް ނެތި މަސައްކަތްކުރާން ޖެހޭކަމަށެވެ. އެގޮތުން، މި ކެމްޕޭންގެ މުޙިއްމުކަން ކެންޕޭން ޓީމުތަކަށް ވިދާޅުވެދެއްވުމުގެ ގޮތުން އިމްރާން ނެންގެވީ، ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَއަށް ފާޅުގައި އިސްލާމްދީނަށް ގޮވައިލެއްވުމަށް ﷲ سُبْحَانَهُ وَتَعَالَى‎ އަމުރުފުޅުކުރެއްވުމުން، އެކަލޭގެފާނު ވަޑައިގެން އަނބިކަނބަލުން ޚަދީޖާ رضي الله عنها އަރިހަށް ވަޑައިގެން، ނިދުމާއި އަރާމުކުރުމުގެ ޒަމާން ފާއިތުވެއްޖެކަމަށް ހަދީޘް ކުރެއްވި ކަމަށެވެ.

ނަމަވެސް ޢިލްމުވެރީން ފާހަގަކުރައްވާ ގޮތުގައި މިއީ ހަދީޘެއް ކަމަށް ފާހަގަކުރެއްވިފައެއް ނުވެއެވެ. އެގޮތުން، ޝޭހު އާދަމް ނިޝާން ވިދާޅުވެފައި ވަނީ، މިއީ ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَގެ ޙަދީޘް ބަސްފުޅެއް ނޫންކަމަށެވެ. އަދި މިއީ އެއްވެސް ފޮތަކުން ފެންނާން އޮތް ޙަދީޘެއް ނޫންކަމަށް އިލްމުވެރީން ވިދާޅުވާ ކަމަށެވެ. އަދި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއޭ ކިޔައިގެން ދޮގުހަދާ މީހާ ނަރަކައިން ޖާގައެއް ކަށަވަރުކޮށްފި ކަމަށް ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޝޭޚް ޢަލީ ޒައިދު ވިދާޅުވީ، " އެ ރިވާޔަތަކީ ވަރަށް ގިނަބަޔަކު ޙަދީޘެއް ކަމަށް ހީކުރެވިފައިވާ ރިވާޔަތެއް! ދުނިޔޭގެ އެތައްބަޔަކަށް އެރިވާޔަތާއިގުޅިގެން އޮޅުން އަރާފައިވާއިރު ޝ. ޢިމްރާނަށްވެސް އެފަދަ އޮޅުމެއް އަރައިފާނެކަން ދަންނަންޖެހޭ!" ކަމަށެވެ.

މީގެ އިތުރުން "އެނޫން ގޮތްގޮތަށް މި މައްސަލައިގައި ވާހަކަދައްކަނީ އޮންނަ ޒާތީ ހަސަދަޔާއި ރުޅިން!" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.