ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަކީ އިންސާފު ޤާއިމުކުރުމުގެ ނަމުގައި އެކުލަވައިލެވުނު ސަރުކާރެއް ނަމަވެސް ހުރިހާބާރެއް ލިބުމުންވެސް ސަރުކާރުން އެ އަމާޒަށް މިސްރާބު ހުރިތޯ އައްސަވައި، ސަރުކާރު ކޯލިޝަންގެ އެއް ބައިވެރިޔާ، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ސުވާލު އުފައްދައިފިއެވެ.

ޤާސިމް މިގޮތަށް ވިދާޅުވެފައި މިވަނީ، ރައީސް ޔާމީން ހިމެނޭ ގޮތަށް ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަކަމާއެކު އިންސާފު ގާއިމުކޮށްދޭންޖެހޭކަމަށް ގޮވާލައި ކުރެއްވި ޓްވީޓެއްގައެވެ.

ގާސިމް ވިދާޅުވީ، ޤާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަޤްސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، ޢަދުލު އިންޞާފު ޤާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްޤުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ. އެގޮތުން ކޮންމެދިވެހިރައްޔިތަކަށްވެސް އިސްވެ މިދެންނެވި ހައްޤުތައް ފުރިހަމައަށް ލިބެން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

" އެއީ، ރައީސް ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހިރައްޔިތެއްކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ  މިއަދު ޤާނޫން އަސާސީއިން ލިބިދޭ އަސާސީ ހައްޤެކެވެ. އަދި އެއީ އިންސާނީ ހައްޤެއް ވެސް މެއެވެ." ގާސިމް ކުރެއްވި ޓްވީޓްގައިވެއެވެ.

ގާސިމް ވިދާޅުވީ، ލަސްވުމެއް ފަސްވުމެއް ނެތި ޢަދުލު ވެރިކަމާ،  ހަމަ ހަމަކަމާއެކު، އިންސާފު މި ޤައުމުގައި ޤާއިމް ކުރެވެން ވާނޭ ކަމަށެވެ.

"މިއަދު އުފެދޭ ސުވާލަކީ، މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަޤު ހޯދުމަށް ކުރި ދަތުރުގައި ، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްތޯއެވެ؟!" ރައީސް ޞާލިޙައް ދައުލަތް ހިންގުމުގެ ބާރާ ގާނޫނުހަދާ މަޖިލީހުގެ ބާރާ އަދި ޝަރުޢީ ދާއިރާ ކޮންޓްރޯލްވެސް ލިބިފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.

ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ޕީޕީއެމް, ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑަރުން ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އާއި އެކު މިދިޔަ އަންގާރަދުވަހު ސަންއައިލެންޑް ރިސޯޓްގައި ބައްދަލުވުމެއް ބާއްވައިފައެވެ.