ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމްޑީޕީ ރޫޅާލައްވާނޭ ކަމަށް އެޕާޓީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި، އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ވަފާތެރި ފަރާތްތަކުން އެމަނިކުފާނަށް އުފައްދައިދެއްވި، އާ ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށް ފަހު، ބުރާސްފަތި ދުވަހުގެ ރޭ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަރަށް ޖަޒުބާތުގައި ހުންނަވައިގެން، ވަރަށް ޖޯޝާއި ފޯރިގައި އެމަނިކުފާ ވަނީ، އެމްޑީޕީ ރޫޅާލައްވާނޭކަމަށް ވިދާޅުވެ އެ ޕާޓީގެ އެންމެހާ މެންބަރުންނަށް އިންޒާރު ދެއްވައިފައެވެ.

އެމަނިކުފާނު ވަނީ، އެމްޑީޕީއަކީ ފޫވައް ވެއްޓިފައިވާ ކަށިކެޔޮގަނޑެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ އުފެއްދީ ފިކުރެއް ދިރުވާން ކަމަށާއި އުސޫލުތަކެއްގެ ތެރޭން ކަންކަން ކުރުމަށް ކަމަށެވެ. ނަމަވެސް މިހާރު އެމްޑީޕީން އެ އުސޫލުތަކާއި ފިކުރުތައް ދޫކޮށްފިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްޑީޕީން ގިނަ މެންބަރުންތަކެއް ވަކިވެ، ދަ ޑިމޮކްރެޓްސްއާ ގުޅޭންކަން ހާމަކޮށް، ރައީސް ނަޝީދު އެމްޑީޕީގެ މިހާރުގެ ހާލަތާމެދު މިސާލުޖެއްސެވީ ފޫވައް ވެއްޓިފައިވާ ކަށިކެޔޮގަނޑެއްގެ މިސާލުންނެވެ.

" ފޫއްވައް ދިޔައިމާ ކެޔޮގަނޑު ރޫޅޭނެ. އެމްޑީޕީ އެދަނީ ރޫޅެން. ފޫވައް ވެއްޓިއްޖެ" އެމްޑީޕީގެ ކުރީގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް، ތިޕާޓީ އިރާދަކުރެއްވިއްޔާ، އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން...×5...ތި ކެޔޮގަނޑުގެ ފޫވައް ވެއްޓިއްޖެ. ތިޕާޓީ އަޅުގަނޑުމެން ރޫޅާ ލާނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

 

ރައީސް ނަޝީދު މީގެ ކުރީން ވަނީ، އެމްޑީޕީ ބައިބައި ވެއްޖެ ކަމަށާއި، ރައީސް ޞާލިހާއެކު މިހާރު އެޕާޓީގައި އޮތީ ކުޑަބައި ކަމަށާއި ބޮޑުބައި އޮތީ ޑިމޮކްރެޓްސްއާއެކު ކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ ރައީސް ނަޝީދާއެކު އެމްޑީޕީން ގިން ޢަދަދެއްގެ ބަޔަކު ކެނޑި، އަލަށް އުފެއްދި ޑިމޮކްރެޓްސްއާ ގުޅެމުންދާކަން ފާހަގަކުރެވެއެވެ.

ނަމަވެސް، އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒު އިސްމާޢީލާއި އެޕާޓީގެ ލީޑަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެމްޑީޕީ މިހާރު މާބޮޑަށް ވަރުގަދަ ވެގެން ހިނގައްޖެ ކަމަށެވެ. ކުރިއަށް އޮތް އިންތިޚާބަށް ދާއިރު، އެޕާޓީއާއި، އަދި ރައީސް ޞާލިހަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައިދޭން ތިބި ، އެމްޑީއޭއާއި އަދާލަތު ޕާޓީއާއެކު، އެ ކޯލިޝަންގެ އަދަދު 90،000 އަށްވުރެ އިތުރު ވާނޭ ކަމަށްވެސް ރައީސް އިބްރާހީމް އަންދާޒާކުރައްވައެވެ.