އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. އެސް. ޖައިޝަންކަރުގެ ދަޢުވަތަކަށް ރާއްގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މި ޖުލައި މަހުގެ 10 ވަނަ ދުވަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރާއްޖެއާ އިންޑިއާއާ ދެމެދު، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅުންހުރި 9 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ދަތުރުފުޅަށް ފަހު ޝާހިދު އެނބުރި ރާއްޖެވަޑައިގަތީ ބުރާސްފަތި ދުވަހުއެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ސޮއިކުރެއްވި އެއްބަސްވުން ތަކުގެ ތެރޭގައި، ށ. ކަނޑިތީމުގައި ވޯލީ ކޯޓެއް ތަރައްގީކުރުމާއި، ށ. ފޯކައިދޫ އިޖުތިމާޢީ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، ރ. އުނގޫފާރުގައި ނަފްސާނީ ބަލިތަކަށް ޚާއްޞަ ޔުނިޓެއް ހެދުމާއި، މ. ދިއްގަރުގައި ގޭދޮށު މަސް ޕްލާންޓް ތަރައްޤީކުރުން ހިމެނެއެވެ.

މީގެ އިތުރުން ތ. ވިލުފުށީ ސްކޫލް ޑިޖިޓަލައިޒްކުރުމާއި، ފ. ނިލަންދޫ ހޮސްޕިޓަލް ތަރައްގީކުރުމާއި، ސަރުކާރު ސްކޫލްތަކުގެ ކޮމްޕިއުޓަރު ލެބްތައް އަޕްގްރޭޑް ކުރުމާއި، އުތީމު ގަނޑުވަރުގެ ފުރާޅު ރައްކާތެރިކުރުމާއި، ގއ. ކޮނޑޭގެ މަގުބައްތި ޖެހުމުގެ މަޝްރޫޢު ހިމެނެއެވެ.

 

ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާގެ ޚާރިޖިއްޔާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ދެގައުމުގެ ތަރައްގީއާއި ފަތުރުވެރިކަމުގެ ދާއިރާއާއި، އިންސާނީ ވަޞީލަތްތައް ކުރިއެރުވުމާއި، ދެގައުމުގެ ރައްޔިތުން ގުޅުން ބަދަހިކުރުން ފަދަ މުހިއްމު މައުޟޫތަކަށް މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން ޝާހިދު ވަނީ، އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒުން ބޭއްވި 43 ވަނަ ސަޕްރޫ ހައުސް ލެކްޗަރގައި "ދަ ޕަވަރ އޮފް ސްމޯލް – ދަ މޯލްޑިވްސް ސްޓޯރީ"ގެ ޞުރުހީގެ ދަށުން ތަޤުރީރުކުރައްވާފައެވެ.