ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުން ބުރާސްފަތި ދުވަހު އިސްތިއުފާދެއްވި ޝަމްޢޫން ޖަލީލް (ލޫކަސް) ރައީސް މުޙައްމަދު ނަޝީދާއެކު ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވައިފިއެވެ.

ރައީސް އިބްރާހީމް ވެރިކަމަށް ގެނައުމަށް ސޯޝަލް މީޑިއާގައާއި އެމްޑީޕީގެ މަގުމަތީ ހަރަކާތްތަކުގައިވެސް ވަރަށް ގަދައަށް ފެނިގެންދިޔަ ލޫކަސް، ސަރުކާރުން އިސްތިއުފާދެއްވާފައި މިވަނީ، މީގެ ދުވަސްކޮޅެއް ކުރީން އޭނާ ނިސްބަތްވާ ބ. ކުޑަރިކިލުގައި، ޕީޕީއެމް/ޕީއެންސީ ހިންގުމާއި މިވަގުތު ހަވާލުވެ ހުންނެވި ޢަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާއި މާލޭ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ އެކު ނަންގަވާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އެކަމަށް ފާޑުކިޔައި، ސަރުކާރުގެ އިސްފަރާތްތަކަކުން އޭނާގެ އިސްތިއުފާއަށް ގޮވާލާފައިވަނިކޮށެވެ.

ސަރުކާރުން އިސްތިއުފާ ދެއްވުމަށް ފަހު ލޫކަސްވަނީ، އޭނާ ރައީސް އިބްރާހީމަށް ފޮނުއްވި ސިޓީ ޓްވިޓަރގައި ހިއްސާކުރައްވައިފައެވެ. އެގޮތުން އެސިޓީގައި ވަނީ، "އަޅުގަނޑު ސަރުކާރުގައި އަދާކުރަމުންދާ ސިޔާސީ މަގާމުން މިއަދު އިސްތިއުފާ ދީފިން. ސަރުކާރުގައި މަސައްކަތްކުރުމުގެ ފުރުސަތަކީ ތަޖްރިބާއެއް" ކަމަށެވެ.

މީގެއިތުރުން "އަބަދުވެސް ބަހައްޓަވާ ގާތްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރިއްޔާ" އެ ސިޓީ ނިންމާލައްވަމުން ލޫކަސް ވިދާޅުވިއެވެ.