ރާއްޖޭގައި މިވަގުތު އޮތް އެންމެ ދުވަސްވީ ސިޔާސީ ޕާޓީ، އެމްޑީޕީންގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވައިފިއެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދަށް ތާޢީދުކުރައްވާ، "ފިކުރެއްގެ ދިރުން" ފެކްޝަން އެމްޑީޕީން ވަކިވެ އަލަށް އުފެއްދި ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީ ދަފްތަރުގައި ހިމަނާފައި ވަނީ، ޖުލައި 12 ވަނަ ދުވަހުއުއެވެ.

އެމްޑީޕީގެ މައި ތަނބުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އެޕާޓީގެ ކުރީގެ ރައީސް އަދި އެޕާޓީ އުފެއްދުމުގައި ވެސް އެންމެ އިސްކޮށްއުޅުއްވި ނަޝީދު ޑިމޮކްރެޓްސްއަށް ސޮއިކުރެއްވީ، ބުރާސްފަތި ދުވަހުގެ ރޭ، މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި އެޕާޓީން އެކަމަށް ބޭއްވި ޚާއްސަ ޖަލްސާގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަކީ، "ކޮރަޕްޝަންގެ ހާއްޔެއް"ގެ ގޮތުގައި ސިފަކުރައްވަމުން، މިދިޔަ ޖޫން 21ގައި އެޕާޓީގެ ރައީސް ކަމުގައި ވެސް ހުންނެވި ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ އެޕާޓީގައި 18 އަހަރު ހޭދަކުރެއްވުމަށް ފަހުއެވެ. އެމަނިކުފާނު އެމްޑީޕީން ވަކިވެވަޑައިގަތްއިރު، އެމްޑީޕީން ވަނީ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ދުރުކުރާށާއި ނައިބު ރައީސް އީވާވެސް އެ މަގާމުން ދުރުކުރާން މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ވައްދައިފައެވެ. އޭގެ ފަހުން މަޖިލީސްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ރައީސް ނަޝީދާއެކު، ގިނަ އަދަދެއްގެ ބަޔަކު ޑިމޮކްރެޓްސްއާ ގުޅެމުންދާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ހެންވޭރު ހުޅަނގުދާއިރާގެ މަޖްލިސް މެންބަރު ޙަސަން ލަތީފުގެ މުއައްސިސް ކަމުގެ ދަށުން، ރައީސް މުޙައްމަދު ނަޝީދަށް ވަފާތެރި ފަރާތްތަކުން ސިޔާސީ ޕާޓީއެއް އުފައްދާން ހުށަހެޅުމުން އީސީން ހުއްދަ ދިނީ މޭ 24، 2023ގައެވެ.