ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހު، އެދުވަހުގެ ވޯޓު ފެއްޓެވުމުގެ އަމާޒަކީވެސް 100،000 ވޯޓުން ކަމަށާއި، އަދި އިންތިޚާބު ކާމިޔާބުކުރާން ބޭނުންވާ އަދަދު "ހަމަކޮށްލާން ދެން ބޭނުންވަނީ ކުޑަކުޑަ ތަންކޮޅެއް" ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މާލެއަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރޭން މިއަދު ކ. ގުރައިދުއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، "އަޅުގަނޑުމެންގެ އަމާޒަކީ އެދުވަހު ވޯޓުލާއިރު އެއްލައްކަ ވޯޓުން ފެށުން. ހަމަ ކޮށްލަން ދެން އޮތީ ކުޑަކުޑަ ތަންކޮޅެއް. އަޅުގަނޑު ހިތުން މާލެ އަތޮޅުން އެކަނިވެސް އެކަން ވެގެން ދާނެ،" ކަމަށެވެ.

 

މީގެ އިތުރުން ރައީސް ވިދާޅުވީ، މިފަހަރުގެ ރިޔާސީ ރޭހަށް އެމަނިކުފާނު ކުރިމަތިލައްވަނީ 2019 ވަނަ އަހަރުގެ މަޖްލިސް އިންތިޚާބަށް ނުކުތްއިރު ކޯލިޝަން އޮތްގޮތަށް ކަމަށެވެ.

ރައީސް އިބްރާހީމް މަގާމު ދިފާޢުކުރައްވާން މިފަހަރު ނުކުންނަނީ، އެމްޑީއޭއާއި އަދާލަތު ޕާޓީއާ އިއްތިހާދުވެގެންނެވެ. އެގޮތުން ރައީސްގެ އަމާޒަކީ އިންތިޚާބަށް ވާއިރު، ކޯލިޝަންގެ ޖުމުލަ ޢަދަދު 90،000ން މައްޗަށް ގެންދިއުމެވެ.