"މަޝްހޫރު އެމްއެމްޕީއާރުސީ ޚިޔާނާތުގެ" މައްސަލައިގައި 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ، ކުރީގެ ރައީސް، އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފު ހޯދައިދީ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން، އިދިކޮޅު ކޯލިޝަންގެ ލީޑަރުން މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދިއުމުން އެއޮފީހުން ބައްދަލުކުރާނޭ ބޭފުޅަކު ނުވިކަމަށް ބުނެ، އެ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

 

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރި ޓްވީޓެއްގައި ބުނީ، ރައީސް ޔާމީނަށް އިންސާފުހޯދުމަށް ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެ ކޯލިޝަންގެ ލީޑަރުން މިއަދު 11:00ން ފެށިގެން ތިބީ ޕިޖީއާ ބައްދަލުކުރާން އެއޮފީހުގައި ކަމަށެވެ. ނަމަވެސް، "އެއްވެސް ބޭފުޅަކާ ބައްދަލުކުރެވޭނޭ ގޮތެއް ނުވާތީ، މި ކޯލިޝަނުން ނިހާޔަތަށް ކަންބޮޑުވުން ފާޅުކުރަން" ކަމަށެވެ.

މީގެ އިތުރުން އެ ކޯލިޝަނުން ވަނީ، ރައީސް ޔާމީނަށް އިންސާފުވެރި ޝަރީޢަތެއް ހިންގައި ދިނުމަށާއި، އެމަނިކުފާނުގެ އިންތިޚާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.