ދިވެހި ރާއްޖޭގެ އަދުގެ ހާލަތާބެހޭގޮތުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެން، ރާއްޖޭގެ ހާލަތު އިޖްތިމާޢީ އަދި އަދުލު އިންސާފުގެ ޙާލަތު މިހާރު މިއޮތީ ނަބިއްޔަކު ބޭނުންވާ ވަރަށް ފަސާދަވެފައި ކަމަށް ކުރީގެ ބަންޑާރަ ނައިބު އަލް އުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ސިފަކުރައްވައިފިއެވެ.

"މުސްކުޅީން ބުނެއުޅޭ ގައުމެއް މިވަރަށް ފަސާދަވެއްޖެ ނަމަ، އެތަނަށް ދެން ބޭނުންވާނީ ނަބިއްޔެއް ކަމަށް،" ރާއްޖޭގެ ނޫސްތަކުން ނަގާފައިވާ ސުރުޙީތަކެއް ހިއްސާކޮށް ދިޔާނާ ކުރެއްވި ޓްވީޓެއްގައިވެއެވެ.

އެކަމަނާ އިތުރަށް ވިދާޅުވެފައި ވަނީ، "މިއީ ފަހުޒަމާން ކަމަށް ވީމާ ދެން އޮންނާނީ، ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَގެ ރިސާލަތު ދިރުވުން،" ކަމަށެވެ.

ނަމަވެސް، ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَގެ ރިސާލަތު ދިރުވާން ތިބި ގިނަ މީހުންވެސް ތިމީ މި ފަސާދައަށް ގެނބިފައި ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކުރީން ސާރކްގެ ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރައްވާފައިވާ ދިޔާނާ، ރާއްޖޭގެ ހާލަތާ ބެހޭގޮތުން މިވަރަށް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ، ކުރީގެ ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި ކޮށްފައިވާ އިސްތިއުނާފެއް އޮއްވައި އެ ކޯޓުގެ ދެފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން، "ދެ ފަނޑިޔާރެއްގެ ޗުއްޓީ ހުރެ ޔާމީނަށް ދޮރު ބަންދުވެއްޖެ!" ޚަބަރަކާއި،

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވަޒީރުކަމުން ދުރުކުރެއްވި ކުރީގެ ޓޫރިޒަމް މިނިސްޓަރުގެ ދައުވާ އަނބުރާ ގެންދިއުމު އޭނާ އެބުރި ރާއްޖެ ވަޑައިގަތުމާ ގުޅޭގޮތުން "ޢަލީ ވަހީދު ރާއްޖެ އަތުވެއްޖެ، ޖަލުހުކުމް އޮތީ ބާޠިލްކޮށްފައި" ކަމަށް އޮތް ޚަބަރަކާއި، 

އަދި އެމްއެމްޕީ ބޮޑު ޚިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރާން ޖެހޭ، އަދި ފަހުން ސަރުކާރާއެކު އެއްބަސްވުމެއް ހަދައި، ޔާމީނާ ދެކޮޅަށް ހެކިބަސްދޭ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށް ސަރުކާރުން ހުއްދަ ދިނުމުން، "ބޭސް ފަރުވާއަށް ފުރުމަށް އަދީބަށް ހުއްދަ ދީފި" ކަމަށް ލިޔެފައިވާ ސުރުޚީއެއް އެކަމަނާގެ ޓްވިޓަރ އެކައުންޓުގައި ހިއްސާކުރަމުންނެވެ.