މިވަގުތު ދިވެހި ގައުމަށް ކުރިމަތި ވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މި ގައުމުގެ ވެރިކަމުގައި ހުރުމުގެ މައްސަލަކަމަށް ޕީޕީއެން/ޕީއެންސީ ހިންގެވުމާ ހަވާލުވެހުންނެވި، ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކާ ޕީޕީއެމުން ކުރިއަށް ގެންދާ މަޝްވަރާތަކުގެ ތެރޭން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާ ބައްދަލުކުރި ސަބަބާގުޅޭ ގޮތުން ސުވާލުކުރުމުން އަދުރޭ ވިދާޅުވީ، މި ސަރުކާރު ގެންނާން މަސައްކަތްކޮށް، އަދި ސަރުކާރު ކޯލިޝަން ތެރޭގައި ތިބި ފަރާތްތަކުން މިހާރު ސަރުކާރު ގޯސްވެގެން ސަރުކާރު ދޫކޮށްފި ކަމަށާއި، އަދި އެފަރާތްތަކުން ވެސް މިހާރު ގަބޫލުކުރާ ގޮތުން، ރައީސް ޔާމީނަށް ކުރާ ދައުވާތަކާއި ކޮށްފައިވާ ހުކުމްތަކަކީ އިންސާފުން ކޮށްފައިވާ ކަންތައްތަކެއް ނޫންކަމަށެވެ. އެހެންކަމުން އެފަރާތްތަކާއެކު މަޝްވަރާކުރަނީ ރައީސް އިބްރާހީމްގެ ސަރުކާރު ނިމުމަކަށް ގެންނަންކަމަށެވެ.

މީގެ އިތުރުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ އަދިވެސް ރައީސް ޔާމީނުކަމަށާއި، އިންތިޚާބުގެ ފުރަތަމަ ބުރުގައި ބަޔަކާ ކޯލިޝަންހަދަން މަޝްވަރާ ނުކުރާ ކަމަށާއި އަދި އެފަދަ ހާލަތެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.

"އެ ކޯލިޝަންގައި ތިއްބެވި ބޭފުޅުން މިއަދު ވަކިން ނިކުމެ އެބަ ވިދާޅުވޭ، ރައީސް ޔާމީނަށް އިންސާފު ލިބޭން ޖެހޭނޭކަމަށް،" އަދުރޭ ވިދާޅުވިއެވެ.

"ފުރަތަމަ ބުރުގައި ބަޔަކާ ކޯލިޝަން ހަދާވާހަކައެއް ނުދައްކަން. އެކަމަކު ގައުމީ މައްސަލަތަކުގެ ވާހަކަ އެބަ ދައްކަން. ގައުމީ މައްސަލައަކަށް މިވަގުތު ދިވެހި ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިބްރާހީމް މުޙައްމަދު ޞާލިޙު މިގައުމުގެ ވެރިކަމުގައި ހުރުމުގެ މައްސަލަ،"

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިއުލާނުކޮށްފައިވާ ބޭފުޅުންގެ ތެރޭން، ޢުމަރު ނަސީރާއި، ކާނަލް ރިޓަޔަޑް މުޙައަމަދު ނާޒިމާއި ގާސިމް އިބްރާހީމްވެސް ވަނީ އިންތިޚާބުގެ ކުރީން ރައީސް ޔާމީނަށް އިންސާފު ލިބެންޖެހޭކަމަށް ބުނެފައެވެ.