އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެތެރޭގެ ހިންގުމާ ބެހޭ ވާހަކަދައްކާން އުޅެފި ނަމަ، އާންމުންނަށް ދޭން ބޭނުންވާ މައުލޫމާތު ނުދެވިދާނެ ކަމަށް ވިދާޅުވެ، އެތެރޭގެ ވާހަދައްކާން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ދެކޮޅުހައްދަވައިފިއެވެ.

ރިޔާސީ އިންތިޚާބަށް ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު އީސީން ބޭއްވި ޖަލްސާގައި، އީސީގެ އެތެރޭގެ މަސްލަހާތާ ބެހޭގޮތުން ނޫސްވެރީންތަކުރާރުކޮށް ސުވާލުކުރުމުންވެސް ފުއާދުވަނީ އެކަމަށް ދެކޮޅުހައްދަވައިފައެވެ.

ފުއާދު ވިދާޅުވީ، މިއަދު މިއީ ކޮމިޝަންގެ މަސައްކަތާބެހޭ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

"މާބޮޑަށް ކޮމިޝަންގެ އެތެރޭގެ ހިންގުމާ ބެހޭ ތަފްސީލު މިއަދު އަރުވާން އުޅެން ފަށައިފިއްޔާ، މި ވަގުތުކޮޅުގެ ތެރޭގައި އާންމު ރައްޔިތުންނަށް އަޅުގަނޑުމެން ދޭން ބޭނުންވާ މައުލޫމާތުގެ ބައި އުނިވެގެން ހިނގައިދާނެ،" އީސީގެ ރައީސް ވިދާޅުވިއެވެ.

 

ނޫސްވެރީން އީސީގެ ރައީސާ ތަކުރާރުކޮށް، ތަނުގެ އެތެރޭގެ މަސްލަހަތާ ގުޅޭ ސުވާލު ފެންމަތިކުރީ، މިފަހަކަށް އައިސް އެ ކޮމިޝަންގެ ކޯރަމް ހަމަ ނުވުމާއި، މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވެ ބައެއް މެންބަރުން ފުއާދަށް އިތުބާރު ނުކުރާކަމަށް އަޑުފެތުރިފައި ވާތީއެވެ. މީގެ އިތުރުން، ފުއާދުވެސް މީގެ ކުރީން ވަނީ، ބައެއް މެންބަރުން އޭނާއާ މެދު ހިތްހަމަ ނުޖެހި، ޖަލްސާތައް ނުބޭއްވި ދިއުމަކީ ކޮމިޝަންގެ ވަރަށް ބޮޑު ފޭލިވުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.