އެންމެފަހުން "ދަ ޑިމޮކްރެޓްސް" އުފައްދައި، އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ހިމެނުމަށް އެ ކޮމިޝަންގެ ފަސް މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

ހެންވޭރު ހުޅަނގުދާއިރާގެ މަޖްލިސް މެންބަރު ޙަސަން ލަތީފުގެ މުއައްސިސް ކަމުގެ ދަށުން، ރައީސް މުޙައްމަދު ނަޝީދަށް ވަފާތެރި ފަރާތްތަކުން ސިޔާސީ ޕާޓީއެއް އުފައްދާން ހުށަހެޅުމުން އީސީން ހުއްދަ ދިނީ މޭ 24، 2023ގައެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަލިބުމުން ކުރާން ޖެހޭ ކަންކަން ކުރުމުއްދަތެއްގެ ތެރޭގައި ނިމުނު ނަމަވެސް އީސީގެ ކޯރަމް ހަމަނުވުމާ ގުޅިގެން، ޕާޓީ އުފެއްދުމަށް ބާއްވާން ޖެހޭ ޖަލްސާ ބޭއްވުން ލަސްވެ ދުވަސްތަކެއް ފާއިތުވިކަން ފާހަގަކޮށްލާން ޖެހެއެވެ. އަދި މިދެންނެވި ބައްދަލުވުމަށް ހުއްދަ ލިބި ޖުލައި 6 ވަނަ ދުވަހު ބައްދަލުވުން ބާއްވައި، ގާނޫނީގޮތުން ފުރިހަމަކުރާން ޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު "ދަ ޑިމޮކްރެޓްސް" އުފައްދާން ހުށަހަޅާފައިވަނީ، ޖުލައި 9 ވަނަ ދުވަހުއެވެ.

 

އިލެކްޝަންސް ކޮމިޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން "ދަ ޑިމޮކްރެޓްސް" އީސީގެ ދަފުތަރުގައި ހިމަނަށް ފާސްކޮށްފި ކަމަށެވެ.

" ދަ ޑިމޮކްރެޓްސް" ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ، "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް، މިއަދު ބޭއްވި އިލެކްޝަންސް ކޮމިޝަންގެ 793 ވަނަ ޢާންމު ޖަލްސާގައި، މެންބަރުންގެ އިއްތިފާގުން  ފާސްކޮށްފި،" ހަބީބުގެ ޓްވީޓްގައި ވެއެވެ.

 

ދަ ޑިމޮކްރެޓްސް އީސީގެ ދަފުތަރުގައި ހިމެނިގެންދިޔައިރު، އެ ޕާޓީން އިއުލާނުކޮށްފައިވާ ގޮތުން، ބުރާސްފަތި ދުވަހުގެ ރޭ "ހައުސް އޮފް ޑިމޮކްރެޓްސް"ގައި ބާއްވާ ޚާއްސަ ޖަލްސާގައި ރައީސް ނަޝީދު އެ ޕާޓީއަށް ސޮއިކުރައްވާނެއެވެ. 18 އަހަރު ވަންދެން އެމްޑީޕީގައި އުޅުއްވުމަށްފަހު އެ ޕާޓީން ރައީސް ނަޝީދު ވަކިވެވަޑައިގަތީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ދެބޭފުޅުންގެ މެދުގައި ސިޔާސީ ފިކުރާއި ޚިޔާލު ވަރަށް ބޮޑަށް ތަފާތުވުމުންނެވެ.