އެމްއެމްޕީއާރސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުށްސާބިތުވެ، ގޭގައި ހުންނަވައިގެން 20 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ފުރާނައަށް ނުރައްކާވާފަދަ ސިއްހީ ޙާލަތެއް މެދުވެރިވެފައި ވާތީ އިތުރު ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

އަދީބުގެ ސިޔާސީ ޕާޓީ، މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ން ބުނީ، އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށް އެޕާޓީގެ ލީޑަރު އަޙްމަދު އަދީބު ސިންގަޕޫރަށް ފުރާވަޑަގަތީ އަންގާރަ ދުވަހުގެ ރޭ ކަމަށެވެ.

"އަޙްމަދު އަދީބު ސިންގަޕޫރަށް ދަތުރު ކުރަމުން ދަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުން،" އެޕާޓީން ނެރުނު ބަޔާނުގައިވެއެވެ.

އެމްޓީޑީން ބުނީ، ރައީސް ޔާމީންގެ ވެރިކަމުގައި 2015-2018 އަށް އަދީބަށް ނުހައްގުން އަނިޔާދީ، ބޭސްފަރުވާ އަށް ހުރަސް އަޅާފައިވާ ކަމަށާއި، އެހެންނަމަވެސް، ރައީސް ޞާލިހުގެ ވެރިކަމުގައި، އަދީބަށް އެކަށީގެންވާ ބޭސްފަރުވާއެއް ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީފައިވާކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ކޮންމެ މީހަކަށްވެސް، އެމީހެއްގެ ސިޔާސީ ފިކުރަކަށް ބެލުމެއްނެތި، ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގެއް." އެމްޓީޑީން ބުންޏެވެ.

ޚިޔާނާތުގެ ކުށްސާބިތުވެ، ހުކުމްތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބުރައީސް ބޭސްފަރުވާއަށް މިރޭ ފުރުއްވާފައި ވާއިރު، ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް މަގާމުން ދުރުކުރި މިސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު މިއަދު ވަނީ، ދައުލަތުން އޭނާގެ މައްސަލަ އަނބުރާ ގެންދިއުމާއެކު، އިނރޭސިވިލާތުގައި ހުންނެވުމަށް ފަހު އެނބުރި މާލެ ވަޑައިގެންފައެވެ. އަދި ކުރީން އޭނާ ރައީސް ޞާލިހުގެ މައްޗަށް ތުހުމަތުކުރެއްވި އެމްއެމްޕީއާރުސީގެ ފައިސާ ނެންވިކަމަށް ބުނާ ވާހަކަތަކަކީ އޭނާ ހެއްދެވި ދޮގެއްކަމަށްވެސް އަލީ މިއަދު ވިދާޅުވިއެވެ.