ރައްޔިތުންގެ މަޖިލީހަށް ސިފައިން ވެއްދުމާއި ނުވެއްދުމަކީ އެ މަލީހުގެ ރައީސްގެ އިޚްތިޔާރުގައި އޮންނަ ކަމެއް ކަމަށާއި އެކަމާ ރައީސުލްޖުމްހޫރިއްޔާއާ ބެހުމެއް ނުވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބެލެވޭގޮތުގައި ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ށ. ފޯކައިދޫގައި ބޭއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކެމްޕޭން ޖަލްސާގައި އެމަނިކުފާނު، މިހާރު ބޭނުން ގޮތަކަށް ރައްޔިތުންގެ މަޖިލީސް ހިންގުމުގެ ބާރު އެބައޮތް ކަމަށާއި، ސިފައިން ވަދެ މަޖިލިސް ނުހުއްޓުވާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅާ ގުޅުވައިގެން ދެއްވި ރައްދެކެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، "މަޖިލީސްގެ ކަންކަމަށް ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ޤާނޫނީގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބެހުމެއް އޮތްކަމެއް ނޫން،" ކަމަށެވެ.

"މަޖިލީހަށް ސިފައިން ވެއްދުމާއި ނުވެއްދުމަކީ މަޖިލީހުގެ ރައީސްގެ އިޚްތިޔާރުގައި އޮންނަ ކަމެއް" ކަމަށެވެ.

މިއާއެކު ސަރުކާރަށް ނިސްބަތްވާ އަދި ތާއީދުކުރާ ބައެއް ފަރާތްތަކުން ވަނީ، ރައީސް ނަޝީދުގެ ޓްވީޓަށް ރައްދުދީ، ގާނޫނުއަސާސީގެ ހަތަރުވަނަ ބާބުގެ 106 ވަނަ މާއްދާގެ ހ އާއި ށ މަތިން ހަނދާންކޮށްދީ ސިފައިންގެ އެންމެ އިސްވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ނޫންތޯވެސް ސުވާލުކުރައްވައިފައެވެ.

ނަމަވެސް ރައީސް ނަޝީދަށް ވުރެ ވަކިން ރަނގަޅަށް މި މާއްދާތައް އެނގިލައްވާނޭ ބޭފުޅެއް ހުންނާނޭކަމަކަށް ނުބެލެވެއެވެ. އެމަނިކުފާނު އެހެން ވިދާޅުވެފައި ވަނީ، ސިފައިންގެ އެންމެ މަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވިޔަސް، މަޖިލީހަށް ސިފައިންގެ އެހީތެރިކަމަށް ބޭނުން ވެއްޖެ ޙާލަތެއްގައި ވެސް އެކަމަށް އެދުމުގެ އިޚްތިޔާރު އޮންނާނީ މަޖިލީހަށް ކަމަށްވާތީއެވެ.

----

ފޮޓޯ: މުޙައްމަދު އައުޒަމް | ވަން އޮންލައިން