ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރޭ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ކެމްޕޭން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ރަސްމީކޮށް ފަށައިފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތް ކުރިއަށް ގެންދަނީ "ދިވެހީންގެ ރާއްޖެ" ޝިޢާރުގެ ދަށުންނެވެ. އަދި މިހާރު އެ ކޯލިޝަންގެ މެންބަރުން ދަނީ މާލެއާއި ރަށްރަށުގައިވެސް ދޮރުންދޮރަށް ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އަދި ތާޢީދު ހޯދުމުގެ އިތުރު ޚަރަކާތްތައްވެސް އެ ކޯލިޝަނުން ދަނީ ހިންގަމުންނެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިއުލާނުކުރައްވާފައިވާ ސަރުކާރު ކޯލިޝަނުންވެސް މިހާރު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ފޯރީގައި ކެމްޕޭން ޚަރަކާތްތައް ފަށައިފައެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީން ނެރޭ ކެންޑިޑޭޓް ޤާސިމް އިބްރާހީމާއި، އެމްއެންޕީން ނެރޭ ކެންޑިޑޭޓް ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމާއި، އަމިއްލަ ގޮތުން ވާދަކުރައްވާނޭކަން އިއުލާނުކުރައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު ޑރ މުޙައްމަދު މުނައްވަރާއި، ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރުވެސް ވަނީ އެބޭފުޅުންގެ ކެމްޕޭން ހަރަކާތްތައް ފަށައިފައެވެ.

ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާއިރު، އަދިވެސް އެމަނިކުފާނަށް މިފަހަރުގެ އިންތިޚާބުގައި ވާދަކުރެވޭނޭކަން ޔަގީނެއް ނުކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކޮށްފައިވާ މީހަކު، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މާފުކުރެވުނުތާ ތިން އަހަރުވާން ޖެހެއެވެ. ނަމަވެސް ރައީސް ޔާމީންގެ މައްޗަށް ސާބިތުކޮށްފައިވާ ހުކުމް އަދި އޮތީ އިސްތިއުނާފީ މަރުހަލާގައި ތާށިވެފައެވެ. އެހެންކަމުން ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނާނޭ ކަމާމެދު ވަނީ ސުވާލުއުފެދިފައެވެ.