ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދުފުއްދުމުގެ ގޮތުން، މާލޭ ސަރަހައްދުން ބިންވެރިޔާގެ ނަމުގައި ދޫކުރާން ހަމަޖެހިފައިވާ ގޯތިތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓާ ގުޅިގެން ހުށަހަޅަފައިވާ ޝަކުވާތަކާ ގުޅޭގޮތުން އެކަމަށް އެކުލަވާލައިފައިވާ ގެދޮރުވެރިޔާ ކޮމިޓީގައި މަޝްވަރާކޮށްފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗައިން ހާމަކޮށްފައިވާ ގޮތުން، 26 ޖޫން 2023ގައި އާންމުކުރި، ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތިލިބޭ ވަގުތީ ލިސްޓް ގެދޮރުވެރިން ކޮމިޓީގެ ބައްދަލުވުމެއް މިނިސްޓްރީގައި ހޯމަ ދުވަހު ބާއްވައިފައި ވެއެވެ.

" މި ބައްދަލުވުމައި ވަގުތީ ލިސްޓާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކާއި ޖޮންޓުވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ޖޮއިންޓްވާ ފަރާތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު،" ކަމަށް އެ މިނިސްޓްރީން ބުނެފައިވއެވެ.

ކުރިން އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން، މާލެ ނޫންތަނެއްގައި އެއްވެސް އިރެއްގައި ރަޖިސްޓްރީވެފައި ނުވާ، މާލޭގެ ރައްޔިތުންނަށް ފުރަތަމަ ބުރުގައި ދޫކުރާން ހަމަޖެހިފައިވާ 6200 ގޯއްޗަށް ކުރިމަތިލީ މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅިފައިވަމީ އެންމެ 600 ޝަކުވާއެވެ. އަދި އޭގެ ތެރޭގައި އެ ލިސްޓަށް ބަދަލުގެންނާންޖެހޭ ވަރުގެ ޝަކުވާއެއް ނެއްކަންވެސް ފާހަގަކުރިއެވެ.

ޖޮއިންޓް އެޕްލިކޭޝަނާއެކު ބިންވެރިޔާ ސްކީމަށް ކުރިމަތިލީ 19،857ގެ ތެރޭން ޝަރުތު ހަމަވާކަމަށް ވަގުތީ ލިސްޓުގައި ވަނީ 12،794 ފޯމެވެ. ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންނަށް ޖުލައި މަހުގެ ތެރޭގައި ގޯތި ހަވާލުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމައިފިއެވެ.

ޒަމާންތަކެއް ވާންދެން ރާއްޖޭގެ ހުރިހާ ވަސީލަތެއް އެއްތަނަކަށް ޖަމާކޮށް، ތަރައްގީގެ ނަމުގައި ތޮއްޖައްސާފައިވާ މާލޭ ސަރަހައްދުގެ އަގުބޮޑު ބިންތައް ވަކިބަޔަކަށް ޚާއްސަކޮށްގެން ބަންޑާރަގޯތީގެ ގޮތުގައި ދޫކުރުމާ މެދު އާންމުންނާއި ސިޔާސީ އެކިއެކި ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑެތި ޚިލާފުތަކެއް އުފެދިފައިވާއިރު، ބިންވެރިޔާގެ ވަގުތީ ލިސްޓުގައި މިހާރުވެސް ލިބޭ އާމްދަނީއާ ދިރިއުޅުމުގެ ޚާލަތަށް ބަލާއިރު، ހަގީގަތުގައިވެސް ބޯހިޔާވަހިކަމަށް ޖެހިފައިވާ މީހުންނާ ނުބައްދަލު ފޯރުންތެރިކަން ހުރި ބަޔަކާއި އަދި ބިދޭސީންވެސް އެ ލިސްޓްގައި ހިމެނިފައިވާތީ ގިނަ ބަޔަކު ދަނީ މިއީ އެއްގޮތަކަށްވެސް އިންސާފުވެރިކޮށް ކުރެވޭނޭ ކަމެއް ނޫންކަމަށް ބުނަމުންނެވެ.

ހަމަ އެހެންމެ، ގެދޮރުވެރިޔާ ކޮމިޓީގައި ހިމެނޭ ބައެއް ފަރާތްތައް ހިމެނޭގޮތަށް އެފަރާތްތަކުގެ އާއިލާތަކަށާއި އަދި ސަރުކާރާ ގުޅުންހުރި ބައެއް ފަރާތްތައް ނުފޫޒުގެ ބޭނުުންކޮށްގެން ލިސްޓުގައި ހިމަނާފައިވާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. 

ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައިވާ މުއްދަތު ހަމަވާނީ ޖުލައި 15އަށެވެ.