ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ވިދާޅުވާގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ކުރިމަތިކައްވާފައި އެވަނީ، މިހާތަނަށް އުފެދުނު އެންމެ ބޮޑު ކޯލިޝަނުގެ ކެންޑިޑޭޓްގެ ގޮތުގައެވެ.

ކުރިއަށް އޮތް ރިޔާސީ ކެމްޕޭން ރަސްމީކޮށް ފައްޓަވާން ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރޭން، އާދީއްތަ ދުވަހު މަރޮށްޓަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ، އެމަނިކުފާނުގެ ކޯލިޝަންގެ މެންމެބަރުންގެ އަދަދު މިހާރުވެސް ރަޖިސްޓަރީން ދައްކާގޮތުން 77،700އަށް އަރާ ކަމަށެވެ. އެއީ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭގެ މެންބަރުންނެވެ. ރައީސް އިބްރާހީމް ވިދާޅުވީ، ކޯލިޝަންގެ އަމާޒަކީ، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި މި އަދަދު 90،000އަށް ހެދުން ކަމަށެވެ.

ކޯލިޝަންގެ ބިޔަކަން ފާހަގަކުރައްވައި ފަޚުރުވެރިކަމާއެކު ރައީސް ވިދާޅުވީ، "މިއީ މިހާތަނަށް ކޯލިޝަނެއްގެ ގޮތުގައި އިންތިޚާބަށް ނުކުންނަ އެންމެ މެންބަރުން ގިނަ ކޯލިޝަން" ކަމަށެވެ.

ރައީސް އިބްރާހީމް މިގޮތަށް ހިސާބު ޖެއްސެވި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ، ވޭތުވެދިޔަ 5 އަހަރުގެ ޕާފޮމެންސަށް ބަލާފައި، ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް ހޮވޭނޭ އެއްވެސް ގޮތެއް ނުފެންނަ ކަމަށެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުން، އެމްޑީޕީ ދެބައިވެ، ރައީސް އިބްރާހީމަށް ކުޑަބައި ލިބޭއިރު، ޕީޕީއެން/ޕީއެންސީ ކޯލިޝަނުން އެކަނިވެސް 80،000 ވޯޓު ނަގާނެއެވެ. އަދި އެމްއެންޕީއާ އެމްއާރްއެމްގެ އިތުރުން، އަލަށް އުފަންވާ ދަ ޑިމޮކްރެޓްސްގެ މެންބަރުންނާއެކު، އިދިކޮޅުން ރައީސް އިބްރާހީމް ބަލިކުރުމުގެ ދަތުރު ފަށާއިރުވެސް އިދިކޮޅު މާބޮޑުތަކުންވެސް ވަރުގަދަ ވާނެއެވެ. ދެންއޮތީ، މިހާރުވެސް ރިޔާސީ ރޭހުގައި ވާދަކުރާން ނިންމާފައިވާ ޖުމްހޫރ ޕާޓީއެވެ. އެޕާޓީގެ މެމްބަރުންގެ އަދަދު 23،000އާ ގާތްކުރާއިރު، ރައީސް އިބްރާހީމަށް އިންތިޚާބުގެ ދެވަނަ ބުރެއްވެސް ކަށަވަރު ކުރެވޭނޭ ކަމާމެދު އިދިކޮޅުން ޝައްކު އުފައްދައެވެ.

ރިޔާސީ އިންތިޚާބުގެ ފޯރި އިންތިހާއަށް ގަދަވަމުން އަންނައިރު، ސަރުކާރުގެ އެކި ކުންފުނިތަކުން އަތޮޅުތެރޭގައި ހިންގާ މަޝްރޫއުތައްވަނީ ވަރުގަދަކޮށްފައެވެ. އަދި އެމްޑީޕީގެ އިތުރުން ކޯލިޝަންގައި ހިމެނޭ އަދާލަތާއި އެމްޑީއޭއިންވެސް ދަނީ، ރައީސް އިބްރާހީމަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ވަރުގަދަ ކެމްޕޭނެއް ޖައްސަމުންނެވެ.