ރައްޔިތުމްގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހުގެ ރޭ، ހައުސް އޮފް ޑިމޮކްރެޓްސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވައްޑެ ވިދާޅުވީ "މިހާތަނަށް ދިވެހީން، އަޅުގަނޑުމެންގެ މައިންބަފައިވެސް ގަބޫލުކުރަމުން އައި ވަރަށް މުޙިއްމު ސިފަތަކެއްގެ" އަގު ރައީސް އިބްރާހީމް ވައްޓަވާލައްވައިފިކަމަށެވެ.
"މަޑުމައިތިރިކަމުގެ އަގު އެ ވައްޓަވާލެއްވީ. ކެތްތެރިކަމުގެ އަގު އެ ވައްޓަވާލެއްވީ، ވައްޑެ ވިދާޅުވިއެވެ.
"މިހާރުއައިސް ތިމަންނަގެ ދަރިފުޅާ އިންނާން އެބައުޅެއޭ ވަރަށް ކެތްތެރި ކުއްޖެއް މީހަކު ބުނެފައިޔާ ހަމަ ވަގުތުން މައިންބަފައިން ނޫނެކޭބުނާވަރުގެ، ދެފުށް ދެގޮތްކަން، ގީދަޅުކަން، މަކަރުވެރިކަން، ޚިޔާނާތްތެރިކަން، ބޭވަފާތެރިކަން އެދެއްކީ އިބްރާހީމް މުޙައްމަދު ޞާލިހު"
އޭނާ ވިދާޅުވީ، ތަބަކަކަށް ލާފައި ޓިކެޓް ދިނީމާ އެމްޑީޕީގެ މެންބަރުން އެޕާޓީގެ ރައީސް ނަޝީދާ ދޭތެރޭގައި ދެކޭ އުންމީދުތައް ހަގީގަތަކަށް ހައްދަވައި ދެއްވާނަމޭ ވިދާޅުވެ ރައީސް އިބްރާހީމް ކުރެއްވި ކަމަކީ، "މަގުމަތީގައި ބޮމެއް ގޮއްވާލައިގެން އަވަހާރަކޮށްލާން ދޫކޮށްލެއްވީ،" ކަމަށެވެ.
މީގެ އިތުރުން ވެރިކަމަށް ވަޑައިގެން، ހުވަދޫ މަސްވެރީންނާ ބައްދަލުކުރައްވާފައި، "ތިމަންނާގެ ސަރުކާރުގެ އެއްވެސް ކަމެއް ނުހިންގާނަމޭ ރައްޔިތުންނާ މަޝްވަރާ ކޮށްފައި މެނުވީ،" ރައީސް އިބްރާހީމް ވިދާޅުވި ކަމަށާއި އަދި ކޮރަޕްޝަނަށް ދެއްވާނީ ޒީރޯ ޓޮލަރެންސް ކަމަށް ވިދާޅުވި ނަމަވެސް، ކަންކަން ދިޔައީ މުޅިން އިދިކޮޅަށް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"މަސްވެރީން ކީއްކުރާންތޯ ރައްޔިތުން ކީއްކުރާންތޯ ރައްޔިތުންގެ މަޖިލީހަށްވެސް ނާންގާ ކަނޑު ވިއްކާލީ،" ޗާގޯސް މައްސަލައަށް އިޝާރާތްކުރައްވައި ވިދާޅުވިއެވެ.
ކޮރަޕްޝަނަށް ދެއްވާނީ ޒީރޯ ޓޮލަރެންސޭ ވިދާޅުވެ، އެންމެ ފަހުން ވައްކަންތައް ގިނަވެގެން ފައްޓާނޭ ހިސާބެއް ވެސް ނޭނގޭކަން ފާހަގަކުރައްވައި ވައްޑެ ވިދާޅުވީ، "އެންމެ ފަހުން ހިނގި ވައްކަން، އާރްޑިސީ ވައްކަން،. ތިން ފަހަރު ތިޖޫރީ ފަޅާލައިފި. ދެން ނުތަކައިގެން ބޭންކަށްކަންނޭގެ ލާރިލީ. ޕެޓީކޭޝްއޭ ކިޔާފައި 3.8 މިލިއަން ރުފިޔާގެ ލާރި ނަގައިފި،" ކަމަށެވެ.
"ފުލުހުން އެކަން ތަހުގީގުކުރާން ފެށީމާ، ވައްކަމެއް ނުކޮށްލާ ނުނިދިގެން، ދަންވަރަށްގޮސް ހިލަފުނި އެ ވަގަށް ނެގީ. އަދިވެސް އެތިބީ ކައިރީގައި ހަމަ ވައްކަން ކޮށްލަކޮށްލާ."