ރައީސުލްޖުމްހޫރިއްޔ އިބްރާހީމް މުޙައްމަދު ޞާލިހު ކޯލިޝަނެއް ދަމަހައްޓައި ކޯލިޝަންގެ ތާއީދާއެކު ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވާއިރު، މިހާރު އެމަނިކުފާނާއެކު އޮތް ހަމައެކަނި ދެ ޕާޓީވެސް އަންނަ މަހުގެ މިދުވަހު ރައީސް އިބްރާހީމާއެކު ނުތިބޭނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސް ހައުސް ހުޅުވުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ސަރުކާރަށާއި، ޚާއްސަކޮށް ރައީސް އިބްރާހީމަށް ވަރަށް ބޮޑަށްފާޑުވިދާޅުވެ އީވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ތިމަންނާއަކީ ކޯލިޝަނުގެ ޗޮއިސްއޭ ވިދާޅުވެ ވާހަކަފުޅު ދައްކަވާއިރު، އަމިއްލަ ޕާޓީވެސް ދެބައިކޮށްލައްވައިފި ކަމަށާއި އޭގެންވެސް ރައީސަށް ލިބެނީ ކުޑަބައި ކަމަށެވެ.
"ވިދާޅުވީ ތިމަންނާއަކީ ކޯލިޝަންގެ ޗޮއިސްއޭ. އެކަމަކު ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމާއެކު ރައީސް މައުމޫން ނޯ ޖައްސަވައިފި. ރައީސް މައުމޫން ވިދާޅުވެއްޖެ ހޯހޯހޯއޭ. ގާސިމް ނޯޖައްސަވައިފި. ގާސިމް ވިދާޅުވެއްޖެ ނޯނޯނޯއޭ. ދެން އޮތީ އެމްއެންޕީ. އެމްއެންޕީ ނޯ ޖަހައިފި. ދެންއޮތީ އަމިއްލަ ޕާޓީ. އަމިއްލަ ޕާޓީ ހިނގައްޖެ" އީވާ ވިދާޅުވިއެވެ.
" ދެން އޮތީ އަދާލަތާ ސަންސިޔާމާ. އަޅުގަނޑު ތިބޭފުޅުންނަށް މި ދަންނަވަނީ. އަންނަ މަހުގެ މިދުވަހު އަދާލަތުޕާޓީއާ ސަންސިޔާމް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނުތިބޭނެ."
އީވާ ވިދާޅުވީ، ރައީސް އިބްރާހީމުގެ ޒައާމަތުގައި އެމްޑީޕީއަށް މިއިން ދުވަހަކުވެސް ނުލިބޭވަރުގެ ނާކާމިޔާބީތައް ލިބި މުޅި ޕާޓީ ހަލާކުވެއްޖެ ކަމަށެވެ.
"42 ބައިއިލެކްޝަންގައި ވާދަކޮށް ސަރުކާރަށް ހޯދުނީ އެންމެ 14 ގޮނޑި. 18 އަހަރު ތެރޭ އެމްޑީޕީ އެންމެ ވަރުގަދަ ސަރަހައްދު ތަކުން ތާޢީދު ގެއްލުވާލައިފި" އައްޑޫ ކައުންސިލާއި މާލޭ ކައުންސިލް ފަދަ ބޮޑެތި އާބާދީތަކުން ފެށިގެން އެންމެ ކުދިކުދި ރައްތަކުގެ ތާއީދުވެސް މިހާރު އެމްޑީޕީއަށް ގެއްލިޖެކަން ފާހަގަކުރައްވަމުން އީވާ ވިދާޅުވިއެވެ.
"ޔަގީންވާ ދެވަނަ ކަމަކީ ސެޕްޓެމްބަރު މަހު ދެން އުފައްދާ ސަރުކާރެއް އުފައްދާނީ ޑިމޮކްރެޓުން"
ވާދަވެރީންގެ މިފަދަ ފާޑުކިޔުންތައް އަމާޒުވީ ކަމުގައިވީ ނަމަވެސް، ރައީސް އިބްރާހީމާއި އެމަނިކުފާނުގެ ޓީމުން ގެންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފޯރިއާއެކު ކެމްޕޭނުކުރަމުންނެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރެވޭނޭ ކަމަށް ވިދާޅުވަމުންނެވެ.