ޚިޔާނާތުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ނަންފުޅު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އޮންނާނޭ ކަމަށާއި އެކަމަށް އެއްވެސް ހުރަހެއް ނެތްކަމަށް އިދިކޮޅު ކޯލިޝަން މިވަގުތު ލީޑުކުރައްވާ، ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ( އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކޮށްފައިވާ މީހަކު، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މާފުކުރެވުނުތާ ތިން އަހަރުވާން ޖެހެއެވެ. ނަމަވެސް ރައީސް ޔާމީންގެ މައްޗަށް ސާބިތުކޮށްފައިވާ ހުކުމް އަދި އޮތީ އިސްތިއުނާފީ މަރުހަލާގައި ތާށިވެފައެވެ. އެހެންކަމުން ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނާނޭ ކަމާމެދު ވަނީ ސުވާލުއުފެދިފައެވެ.

މިކަމާ ގުޅޭގޮތުން، ޕީޕީއެމް/ޕީއެންސީން ނޫސްވެރީންނާ ބައްދަލުކޮށް، އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ކެންޑިޑެސީ އީސީން ބަލައިނުގެންފި ހާލަތެއްގައި ވަޑައިގަންނަވާނީ ސުޕްރީމް ކޯޓަށް ކަމަށެވެ. އަދި އެ ކޯޓުން އެކަން އިންސާފުވެރިކަމާއެކު ކާމިޔާބުކުރެވޭނޭ ކަމަށް ދެކޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ކުރުކޮށް ދަންނަވަންޏާ އެމަނިކުފާނު [ރައީސް ޔާމީން]ގެ ނަންފުޅު މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުކަރުދާހުގައި އޮންނާނެ،" އަދުރޭ ވިދާޅުވިއެވެ.