ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ހޯދުމަށް، ރަސްމީކޮށް ރިޔާސީ ކެމްޕޭން ފެށުމަށް ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި، ކުރިއާ ޚިލާފަށް މިފަހަރު އެމްޑީޕީއާއި ކޯލިޝަން ސަރުކާރު އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި އިންތިޚާބު ކާމިޔާބުކުރުމުގެ ދަތުރަށް އޮޑިފުރާ ބާރުކޮށްފައިވާއިރު، މި ދަތުރުގައި ވާދަވެރީންނަށް އަރައި ހަމަވެސް ނުކުރެވޭނޭ ކަމަށް ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ އަލް އުސްތާޛް ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެވެ.

އެމްޑީޕީގެ މިހާރުގެ ޗެއަރ ޕާރސަން ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ ރޭހަށް އެޕާޓީން ނުކުތީ ކޮއްތެއް ފެނެއް ދަރެއްވެސް ނެތި ކަމަށާއި ނަމަވެސް ކުރި ހިތްވަރާ އަޒުމުގެ ސަބަބުން މަންޒިލަށް ވާސިލްވި ކަމަށެވެ. އަދި ކުރިއާ ޚިލާފަށް މިފަހަރުގެ ދަތުރަށް ނުކުންނައިރު، ރައީސް ޞާލިހުގެ ސަރުކާރު އޮތީ ހުރިހާ ގޮތަކުންވެސް ވަރުގަދަކޮށް ކަމަށާއި، ރައްޔިތުންގެ މިނިވަންކަން ކަށަވަރުކޮށްދެއްވައި މުޅި ދުނިޔެއަށް ދިމާވި އާލަމީ ވަބާގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ވިޔަ ނުދީ ހިފަހައްޓަވައި، ދިވެހިން ބޭނުންވާ ހެޔޮވެރިކަން ގާއިމުކޮށްދީ ގައުމުގެ ތަރައްގީގެ ބިންގާތައް އަޅުއްވައިދެއްވައިފި ކަމަށް ވިދާޅުވިއެވެ.

ވާދަވެރި އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް ރިޔާސީ ކެމްޕޭންގެ ދަތުރު ފަށާފައިވާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، ރައީސް ޞާލިހުގެ މާލިމީ ކަމުގައި މިފަހަރުގެ ދަތުރަށް މިފެށީ، ދިވެހީންނަށް "އުފާވެރި އަމާން ރާއްޖެ"އެއް ހޯދުމަށް ކަމަށާއި އެކަން ޙާސިލްވާނޭކަމުގެ އެއްވެސް ޝައްކެއް ނެތްކަމަށެވެ. އަދި ވާދަވެރީންނާ އަޅައިކިޔާއިރު މިފަހަރު ސަރުކާރު އޮތީ މާ ބަދަހިކޮށް ބިޔަކޮށް ކަމަށާއި ވާދަވެރީންނަށް އަރައިހަމަވެސް ނުކުރެވޭނޭކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަހަރު މިދަތުރުގެ ތަފާތަކީ ކުރިއާ ޚިލާފަށް އަޅުގަނޑުމެން މިތިބީ ވަރަށް ވަރަށް ވަރުގަދަކޮށް. އަޅުގަނޑުމެންގެ އޮޑިއަށް ވަނީ ކޮއްތާ، ތެލާ، ފެނާ އަރުވާ ބަރާކޮށްލާފައި. އަޅުގަނޑުމެންގެ ވާދަވެރިންނަށް އަރާ ހަމަނުކުރެވޭނެ ވަރުގެ ބާރުގަދަ އިންޖީނު އަޅާލާފައި އަޅުގަނޑުމެންގެ އޮޑީގައި މިއަދު މިފުރަނީ،" ފަސޭހަކަމާއެކު އިންތިޚާބު ކާމިޔާބުކޮށް، ރައީސް ޞާލިޙަށް ދެވަނަދައުރެއް ލިބޭނޭކަން ކަށަވަރުކޮށްދެމުން މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.