އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ބޮޑުތަނުން ބަލިވާނޭ ކަމަށާއި، ރައީސް އިބްރާހީމަށް އެންމެ ގިނަވެގެންވެސް ނެގޭނީ 18 ވަރަކަށް އިންސައްތަ ވޯޓުކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް، އަދި ދަ ޑިމޮކްރެޓްސްގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ، ހައުސް އޮފް ޑިމޮކްރެޓްސް ހުޅުވާން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އީވާ ވިދާޅުވީ، " އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ކަށަވަރުވާ ދެކަމެއް އެބައޮތް، އެއްކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމޭނެ. ދެވަނަ ކަމަކީ، އެއްވަނަ ދައުރެއް ދެވަނަ ދައުރެއް ތިން ވަނަ ދައުރެއް ކިޔާނެކަމެއް ނެތް، ސާލިހުގެ ވެރިކަން ނިމޭނެ" ކަމަށެވެ.

އެކި ފަރާތްތަކުން މިހާރު ހަދަމުންދާ، ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޕޯލްތަކަށް ބަލާއި، ރައީސް އިބްރާހީމަށް ރައްޔިތުން ބޭނުންވާވަރާ ގާތަށްވެސް ޕަރފޮމަންސްކުރެވިފައި ނެތްކަމަށް އީވާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ފެނިގެން ދިޔައީ، މުޅި ސަރުކާރު ތެރޭގައި ވެސް ވައްކަމާ ކޮރަޕްޝަނަށް މަގުފަހު ކުރުވަމުން ދިޔަ މަންޒަރުކަން އޭނާ ފާހަގަކުރެއްވިއެވެ.

އީވާ ވިދާޅުވީ، ހިސާބު ތަކަށް ބަލާއިރު ޕީޕީއެމްގެ ސަޕޯޓް ޑިމޮކްރެޓްސްއަށް އެބައޮތް ކަމަށާއި، ޕީޕީއެމުން ނަގާ 80 ހާހެއްހާ ވޯޓް ޔަގީންވާ ކަމަށެވެ. އަދި

"ޖުމްހޫރީޕާޓީން ނަގާ ވޯޓުކޮޅު ޖޭޕީން ނަގާނެ. އެމްއެންޕީން ހަތް ހާހެއްހާ ވޯޓް ނަގާނެ. އެމްއާރއެމުން ފަސް ހާހެއްހާ ވޯޓު ނަގާ. ދެންއޮތީ އަޅުގަނޑުމެން ޑިމޮކްރެޓުން. އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ބޮޑުބައި ދަމައިގަންނާނަން. އެމްޑީޕީގެ ބޮޑުބަޔާ އަދި އިތުރަށް ވެސް ވިއްސަކަށް ހާސް ވޯޓު ދަމައިގަންނާނަން،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ރައީސް ޞާލިހަށް އެންމެ ގިނަވެގެންވެސް ލިބުނަސް ލިބޭން އޮތީ، ބާކީ އޮތް 70 ހާހެއްހާ ވޯޓްކަމަށާއި އެއީ 29 ޕަސެންޓް ކަމަށެވެ.  

"ދެން ބަލާން ޖެހެނީ އަމިއްލަ ސިޔާސީ ޕާޓީގެ ވޯޓް. ކޮންމެ ސިޔާސީ ވެރިޔަކުވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިލާއިރު އަމިއްލަ ސިޔާސީ ޕާޓީގެ ވޯޓުކޮޅު ގުނާލާނެ. އެކަމަކު ރައީސް ޞާލިޙު އަމިއްލަ ޕާޓީވެސް ދެބައިކޮށްލައްވައިފި. އަމިއްލަ ވޯޓުކޮޅުވެސް ގެއްލުވާލައިފި" ކަމަށް އޭނާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ޕާފޮމެންސަށް ބަލާއިރު، 3 އަހަރު ވެރިކަން ކުރެއްވި، ރައީސް ނަޝީދު 25 ޕަސެންޓުން ގިނިކަންޏާ ނުކުންނަވައި ޖެހިގެން އައި ފަހަރުގެ އިންތިޚާބުގައި 48 ޕަސެންޓް ވޯޓު ހޯއްދެވި ކަމަށާއި އަދި ރައީސް ޔާމީން ގިނިކަންޏާނުކުންނަވައި ފުރަތަމަ ފަހަރު 25 ޕަސެންޓުން ފައްޓަވައި، ދެވަނަ ދައުރަކަށް ގިނިކަންޏާ ނުކުންނަވައި 45 ޕަސެންޓަށް ތާއީދު އިތުރުކުރެއްވި ކަމަށެވެ.

ނަމަވެސް ރައީސް އިބްރާހީމް ފަސްއަހަރުގެ ދައުރެއް ނިންމަވާލައްވާއިރު، 52 ޕަސެންޓުން ފެއްޓެވި ލީޑަރު، ޕާފޮމެންސަށް ބަލާފައި އޮޕީނިއަން ޕޯލްތަކުން މިދައްކަނީ 15 ޕަސެންޓުކަށް އޭނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް، އޮޕީނިއަން ޕޯލްތަކުން ދައްކަނީ ވިދިވިދިގެން 3 މަހު ދަށަށްދާތަން. ޖެނުއަރީގައި 18، ޖޫންމަހުގެ އޮޕީނިއަންގައި 15 ޕަސެންޓް"

"އޮޕީނިއަން ޕޯލް ދިމާވާނެއެކޭ ނޫން. އެކަމަކު 15 ޕަސެންޓް 51 ޕަސެންޓަކަށް ބަދަލެއް ނުކުރެވޭނެ. ބަދަލު ކުރެވިދާނެ 18 ޕަސެންޓަށް."

އީވާ ވިދާޅުވީ، ދެން ޔަގީންވާ އަނެއް ކަމަކީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފަހު ރާއްޖޭގައި ދެން އުފެދޭ ސަރުކާރެއް އުފެދޭނީ ދަ ޑިމޮކްރެޓްސްގެ ބައިވެރިވުމާ އެކު ކަމަށެވެ.