ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ވަފާތެރި ފަރާތްތަކުން އުފައްދާ "ދަ ޑިމޮކްރެޓްސް"ގެ މައި ހަރުގެ ކަމަށްވާ "ހައުސް އޮފް ޑިމޮކްރެޓް" ރަސްމީކޮށް ހުޅުވައިފިއެވެ.

އާޓިފިޝަލް ބީޗް ކުރިމައްޗަށް ވާގޮތަށް، ހ. ވެޔޮވިލާގައި ހަދާފައިވާ މި ހަރުގެ ހުޅުވުމުގެ ޖަލްސާ އޮތީ އާދީއްތަދުވަހުރޭ، 20:30ން ފެށިގެން އެ ހަރުގޭގައެވެ. މިއީ ކުރީން އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ބޭނުންކުރި އިމާރާތެވެ.

ހައުސް އޮފް ޑިމޮކްރެޓްސް ހުޅުވުމުގެ ޖަލްސާގައި، ރައީސް ނަޝީދުގެ އިތުރުން، މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާއި، އެމްޑީޕީން ވަކިވި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އަދި ޑިމޮކްރެޓްސްއަށް ތާއީދުކުރާ، އެޕާޓީއާ ގުޅެމުންދާ ގިނަ ބަޔަކު މި ޖަކްސާގައި ބައިވެރިވިއެވެ.

މި ޖަލްސާގައި، ރައީސް ނަޝީދާއި، އީވާގެ އިތުރުން، އިމްތިޔާޒް ފަހްމީއާއި، މުހައްމަދު ވަހީދު (ވައްޑެ) ފަދަ ބޭބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ވައްކަމާއި ކޮރަޕްޝަނުގެ ނެޓްވޯކެއްގެ ގޮތުގައި މި ސަރުކާރު ސިފަކުރައްވަމުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުން ރައީސް އިބްރާހީމް ބޮޑުތަނުން ފޭލިވާނެ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

ރައީސް އިބްރާހީމާ ރައީސް ނަޝީދާ ދެމެދު ޚިޔާލުތަފާތުވެ، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ދެބައިވެ، އަލަށް އުފެދޭ ދަ ޑިމޮކްރެޓްސް ރެޖިސްޓްރީކުރާން ފުރިހަމަކުރާން ޖެހޭ ހުރިހާކަމެއް ފުރިހަމަކޮށް، އެޕާޓީ ރެޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީވެސް ހަމަ މިއަދެވެ.