އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވަފާތެރީން އުފައްދާން މަސައަކަތްކުރާ އާ ސިޔާސީ ޕާޓީ، "ދަ ޑިމޮކްރެޓްސް" ރެޖިސްޓްރީ ކުރާން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ލަސްކުރުން ތަކަކާއެކު ނަމަވެސް، ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ލިބުމާއެކު، އެ ޖަލްސާ ވަނީ މިދިޔަ ބުދަދުވަހުގެ ރޭ ބާއްވައިފައެވެ. އަދި ޖަލްސާގައި ނިންމި ކަންތައްތަކާއެކު، މިއަދު ވަނީ ޕާޓީ ރަޖިސްޓްރީކުރާން ހުށަހަޅައިފައެވެ.

އާދީއްތަ ދުވަހު މެންދުރު ފަހު ބޭއްވި ޕްރެސްކޮސްނަފަރެންސެއްގައި، ޑިމޮކްރެޓްސްގެ ތަރުޖަމާނު އަފްޝަން ލަތީފު ވިދާޅުވީ، ގާނޫނީގޮތުން ފުރިހަމަކުރާން ޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު މިއަދު ޕާޓީ އުފައްދާން ހުށަހަޅާފައިވާ ކަމަށާއި އުންމީދަކީ ވީހާވެސް އަވަހަކަށް ޕާޓީ ރަޖިސްޓްރީވެގެން ދިއުން ކަމަށެވެ.