އިންޑިއާއަށް ބޭނުންވާ ކުރިއެރުމާއި ތަރަށްގީ އޭގެ އެންމެ ރަނގަޅު ދުވެލީގައި ނުގެނެވެނީ، ނުކިޔަވައިތިބި، އަދި އެއްވެސް ތަޞައްވުރެއް ނެތް ލީޑަރުންތަކެއްގެ ސަބަބުން ކަމަށް މަޝްހޫރު ފިލްމީތަރި ކާޖޮލް ބުނެފިއެވެ.

ދަ ކުއިންޓަށް ދިން އިންޓަވިއުއެއްގައި ކާޖޮލް ބުނީ، އިންޑިއާ ރައްޔިތުންގެ މައްޗަށް އަމުރުކުރާން ތިބީ އެއްވެސް ތަޞައްވުރެއް ނެތް ސިޔާސީ ލީޑަރުންތަކެއް ކަމަށާއި، އެގޮތުން ތަޢުލީމަކީ އެ ވިސްނުން ބަދަލުކޮށްލެވިދާނޭ އެއްޗެއް ކަމަށެވެ.

އޭނާ ބުނީ، އިންޑިއާ ފަދަ ގައުމެއްގައި ބަދަލުތައް ގެނެވޭ ދުވެލި ވަރަށް މަޑު ކަމަށާއި، އާދަކާދައިގެ ތެރޭގައި އަދިވެސް ތާށިވެފައި ތިބިކަމަށާއި، ބަދަލުތައް ގެނައުމުގައި ތައުލީމު މުޙިއްމު ދައުރެއް އަދާކުރާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ ގައުމުގެ ގިނަ ސިޔާސީ ލީޑަރުންނަކީ ނުކިޔަވައިތިބި މީހުން ކަމަށެވެ.

ކާޖަލް މިގޮތަށް ބުނެފައި ވަނީ، އޭނާގެ ކުރިއަށް އޮތް ސީރީޒް، "ދަ ޓްރަޔަލް"ގެ ޕްރޮމޯޝަންގެ ތެރޭންނެވެ. ޖުލައި 14ގައި ޑިޒްނީ ޕްލަސް ހޮޓްސްޓަރ އިން ސްޓްރީމްކުރާން ފަށާ ސީރީޒްގައި ކާޖޮލް އަދާކުރާ ރޯލަކީ، ފިރިމީހާ ޖަލަށް ލުމުން ފަހުން ލޯޔަރަކަށް ވާ ގެވެހި އަންބެއްގެ ރޯލެވެ.

ކާޖޮލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ލަސްޓް ސްޓޯރީޒް" އިންނެވެ.