ޔުނައިޓެޑް އަރެބް އެމިރޭޓްސްގައި މަގުމަތީގެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކަށް ހަރުކަށި ޖޫރިމަނާތަކެއް ހިމެނޭހެން ގާނޫނަށް ބަދަލުގެނެސްފިއެވެ. އެގޮތުން، ޓްރެފިކް ގަވާއިދާ ޚިލާފުވާ ފަރާތްތައް 100،000ދިރްހަމް (27،228 އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާކޮށް، ވަގުތުން ޖޫރިމަނާ ދައްކަން އަމުރުކުރެވެއެވެ.

މުޅި ޔޫއޭއީގައި ޖުލައި 6 ވަނަ ދުވަހުން ފެށިގެން އަމަލުކުރާން ފެށި އާ ޓްރެފިކް ގަވާއިދާއެކު ދުބާއީގެ ފުލުހުން ވަނީ، ދުއްވާ ފަރާތްތަކަށް ވަރުގަދަ އިންޒާރުތަކެއްވެސް ދީފައެވެ. އެގޮތުން، ގަވާއިދާ ޚިލަފަށް ދުއްވާ ފަރާތްތައް ހިފައި ހައްޔަރުކޮށް އާ ގަވައިދުގެ ދަށުން ޖޫރިމަނާކުރަމުން ގެންދާނެކަމަށް ވަނީ ބުނެފައެވެ.

ދުބާއީގެ ޓްރެފިކް ގަވާއިދަށް މިފަދަ ބަދަލުތަކެއް ގެނެސްފައި ވަނީ، އެމިރޭޓްސްގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާއި އެފަދަ ހާދިސާތަކުން ހިނގާ މަރުތައް މަދުކުރުމަށެވެ.

 

ދުބާއީގެ ފުލުހުންގެ ރެކޯޑްތައް ދައްކާގޮތުން، 2019-2022ށް، ގަވާއިދަށްވުރެ ބާރަށް ދުއްވުމާއި، މީހުންނަށް އުނދަގޫވާގޮތަށް ދުއްވުމާއި، އަދި ޓްރެފިކް ލައިޓަށް ނުހުއްޓައި ދުއްވުންފަދަ ހާދިސާތަކުގައި 164 މީހުން މަރުވެފައިވެއެވެ.

އާ ގަވައިދުގެ ދަށުން ފިޔަވަޅުއަޅާ ކުށްތަކުގެ ތެރޭގައި، ތިމާގެ ފުރާނައަށާއި އެހެން މީހުންގެ ފުރާނައަށް ނުރައްކާވާފަދަ، ގަވާއިދާ ޚިލާފަށް ބޭއްވޭ ރޭސްތަކުގައި ބައިވެރިވުމާއި، މަގުމަތީގައި ސްޓަންޓް ޖެއްސުމާއި، ދުއްވާއިރު އަޑުގަދަކޮށް މީހުންނަށް އުނދަގޫކުރުމާއި، ގަސްތުގައި ރެޑްލައިޓަށް ނުހުއްޓުމާއި، އަސްލުނޫން ނަމްބަރު ޕްލޭޓް ހަރުކޮށްގެން ދުއްވުމާއި، 18 އަހަރު ނުފުރޭ ކުދީންނާއި ލައިސަންސް ނެތް ފަރާތްތަކުން ވެހިކަލްތައް ދުއްވުން ފަދަ ކަންކަން ހިމެނެއެވެ. އެގޮތުން މިފަދަ ކުށްކުރާ ފަރާތްތަކުން ދުއްވާ ވެހިކަލެއް ހިފަހައްޓައިފި ނަމަ، އެ ދޫކުރާނީވެސް 50،000 ދިރުހަމް (13،610 ޑޮލަރު) ދެއްކުމުންނެވެ.

ވެހިކަލްގެ ބިއްލޫރި ގަވައިދަށްވުރެ ބޮޑަށް ޓިންޓްކުރުމާއި، ނަމްބަރު ޕްލޭޓް ނެތި ދުއްވުމާއި، މަގުމަތީ މީހުންނަށް އުނދަގޫވާގޮތަށް ރޭސްޖެހުމާއި، އުޅަނދުގެ ސްޕީޑަށާއި، އިންޖީނުގެ އަޑުގަދަވާގޮތަށް ބަދަކު ގެނައުމާއި، ސްޓަންޓްކުރުން ފަދަ ކަމެއްގައި ވެހިކަލް ހިފަހައްޓައިފި ނަމަ، ޖޫރިމަނާގެ ގޮތުގައި 10،000 ދިރުހަމް ދައްކާން ޖެހެއެވެ.

އަލަށް ގާނޫނަށާއި ގަވާދުތަކަށް ގެނެވުނު ބަދަލުތަކަށް ރައްޔިތުން އަހުލުވެރިކުރުވާން ދުބާއީ ފުލުހުން ދަނީ 7 ހަފްތާގެ ހޭލުންތެރިކުރުމުގެ ޚާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ.