އިޒްރޭލުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ހުޅަނގުއައްސޭރިގެ އަވަށެއް ކަމަށްވާ ޖެނިންގައި، ޔަހޫދީ ސިފައިން ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން ބީބީސީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި އެ ޕްރޮގްރާމްގެ އެންކަރ، އަންޖަނާ ގެޑްގިލް "ކުޑަކުދީން މެރުމަކީ އިސްރޭލު ސިފައިންނަށް ލިބޭ އުފަލެއް" ކަމަށް ބުނެ ސުވާލު އުފެއްދުމުން، އެކަމާ ކުރިމަތިވި ފާޑުކިޔުންތަކާއެކު ބީބީސީ ހޫނުފެނަށް ވެއްޓި، ފަހުން މާފަށް އެދިއްޖެއެވެ.

އިޒްރޭލުން ޖެނިންގައި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކާ ގުޅޭގޮތުން ވާހަކަދައްކަން، މިދިޔަ އަންގާރަ ދުވަހު ހަވީރު ބީބީސީން ވަނީ، އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓަށް ދައުވަތު އަރުވައިފައެވެ. އަދި ޕްރޮގްރާމް ކުރިއަށް ދިޔަވަގުތު، އަންޖަނާ ވަނީ އިޒްރޭލުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ކުޑަކުދީން ޝިކާރައަކަށް ވަނީ ކީއްވެތޯ ސުވާލުއުފައްދައިފައެވެ. އެކަމާގުޅިގެން ބެނެޓް ބުނީ އެއީ ކުޑަކުދީން ނޫން ކަމަށާއި 17، 18 އަހަރުގެ ޓެރަރިސްޓުން ކަމަށް ބުނެފައެވެ.

"އިޒްރޭލް އަސްކަރިއްޔާއިން ބުނަނީ މިއީ އަސްކަރީ އޮޕަރޭޝަނެއް ކަމަށް. އެކަމަކު އަހަރެމެންނަށް އެނގޭ ކުޑަކުދީން މަރަމުން ގެންދާކަން، އޭގެ ތެރޭން 4 ކުދީންނަކީ 18 އަހަރުން ދަށުގެ ކުދީން" އަންޖަނާ ބުނެއެވެ. "މިއީތޯ އަސްކަރިއްޔާއިން ކުރާން ޖެހޭކަމަކީ؟ 16 އަހަރާ 18 އަހަރާ ދެމެދުގެ ކުޑަކުދީން މެރުން؟"

ޖަވާބުގައި ބެނެޓް ބުނީ، މަރުވި 11 މީހުންނަކީވެސް ހަނގުރާމަވެރީން ކަމަށާއި، އަދި އެމީހުން މަރުވާން މެދުވެރިވީ އަމިއްލައަށް ހަތިޔާރު އުފުލައި ޅައުމުރުގައި ޓެރަރިސްޓުންނަށް ވުމަށް އިހްތިޔާރުކުރުމުން ކަމަށެވެ.

"ޓެރަރިސްޓުން، އެހެނަސް ކުޑަކުދީން. ކުޑަކުދީން މެރުމަކީ އިޒްރޭލު ސިފައިންނަށް ލިބޭ އުފަލެއް،" ކަމަށް ބުނެ އަންޖަނާ ރައްދު ދެއެވެ.

"ފަލަސްތީނުގެ 17 އަހަރުގެ ޒުވާނަކު ކަލޭގެ އާއިލާއަށް ބަޑީގެ ހަމަލާ ދީފިނަމަ، އޭނާއާ މެދު ދެކޭނީ ކިހިނެތް" ޖަވާބުގައި ބެނެޓް ބުނެއެވެ.

އަންޖަނާ ބުނީ، ނަމަވެސް، "އދ އިން ބުނާގޮތުން އެއީ ކުޑަކުދީން" ކަމަށެވެ.

މިކަމާ ގުޅިގެން ބީބީސީން ބުނީ، އދ. އިން މި މައްސަލަ އެ މީޑިއާގެ ސަމާލުކަމަށް ގެނެސްފައިވާތީ، މިފަދަ ޕްރޮގްރާމެއްގައި ސުވާލުކުރުމަށް ބޭނުންކުރި ބަހުރުވައާ އިބާރާތަކީ އެންމެ އެކަށޭނަ ބަހުރުވަ ނޫންކަމަށް ވާތީ އެކަމަށް މާފަށް އެދޭކަމަށެވެ. ނަމަވެސް، މި ޖެނިންގައި އިޒްރޭލް ސިފައިން ހިންގަމުންދާ އަމަލުތަކާ ގުޅޭ މައުލޫމާތު އެންމެ އިންސާފުވެރިކޮށް އެ ޕްރޮގްރާމްގައި ރިޕޯޓް ކުރެވިފައިވާ ކަމަށް ގަބޫލުކުރާކަމަށްވެސް ބީބީސީން ބުނެއެވެ.