މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓް ކަރުދާސްތަކުގެ ތެރޭން، ވޯޓް ލައި ނިމޭއިރު ބާކީހުންނަ ވޯޓު ކަރުދާސްތައް ނައްތައިލުމުގެ ބަދަލުގައި އޭގައި ލޯވަޅެއްއަޅައި ސެކިއުރިޓީ އުރައިގައި ބަންދުކުރާގޮތަށް ރިޔާސީ އިންތިޚާބު 2023 ގެ ޤައުމީ ލަފާދޭ ކޮމިޓީން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާޢީލް ހަބީބު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، ޤައުމީ ލަފާދޭ ކޮމިޓީގެ މެންބަރުން އެއްބަސްވެވަޑައިގަތީ "2023 ސެޕްޓެންބަރު 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓުނަގާ ނިމުމަށްފަހު، ބާކީ ހުންނަ ވޯޓުކަރުދާސްތައް ސެކިއުރިޓީ އުރައިގައި ބަންދު ކުރުމުގެ ކުރީން، އެ ކަރުދާސްތަކަކީ އިންވެލިޑް ވޯޓުކަރުދާސް ކަމުގައި ކަނޑައެޅުމުގެ ބޭނުމަށް ކެންޑިޑޭޓުންގެ ނަންބަރު ޖަހާފައިހުންނަ ފަރާތުން، ބާކީ ހުންނަ ވޯޓު ކަރުދާސްތައް ޕަންޗު ކުރައްވަން" ކަމަށެވެ.

އެހެންކަމުން އިލެކްޝަން ކޮމިޝަނުން ވަނީ، އިންތިޚާބާ ގުޅިގެން ބޭއްވި ޤައުމީ ލަފާދޭ ކޮމިޓީގެ 438 ވަނަ ޚާއްޞަ ޖަލްސާގެ ނިންމުމާއެއްގޮތަށް ޢަމަލުކުރާން ނިންމާފައިކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާހުން ބާކީވާބައި ވަގުތުން ނައްތާލަން އެދިފައިވަނީ، މިވަގުތު ސަރުކާރާ އިދިކޮޅު ސިޔާސީ އެންމެ ބޮޑު އެއް ފިކުރު ކަމަށްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ. ނަމަވެސް ގާނޫނުގައި ބުނާގޮތުން ބާކީ ވޯޓު ކަރުދާސްތައް ވަގުތުން ނައްތައެއް ނުލެވޭނެއެވެ. އިދިކޮޅުން މިގޮތަށް އެދިފައިވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށްޓަކައި، އެގޮތަށް ބާކީވި ވޯޓުކަރުދާސް ބޭނުންކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތާއެކު، އިތުރުވާ ވޯޓް ކަރުދާސް ބޭނުންކޮށްގެން މަކަރުހެދުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދިނުމަށެވެ.