ކ. ތުލުސްދޫގައި, ޖުލައި 8 އިން 17ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި އެ ކުންފުންޏާއެކު މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަނުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އިވެންޓްގައި ބައިނަލްއަޤްވާމީ އަދި ދިވެހި އެތުލީޓުންވެސް ބައިވެރިވާނެއެވެ. އެގޮތުން މި އިވެންޓުގައި 15 އަށް ވުރެ ގިނަ ޤައުމުން ރާޅާއެލުންތެރިން ހިމެނޭއިރު ދިވެހިރާއްޖޭގެ ހަ އެތުލީޓުން ހުރިހާ ކެޓެގަރީއެއްގައިވެސް ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް،" މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ "އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަށްވެ، މި ބައިނަލްއަޤްވާމީ މުބާރާތް އަޅުގަނޑުމެންގެ ޖަޒީރާ ޤައުމުގައި ބޭއްވުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ކަމަށެވެ.

މީގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ފަރާތްތަކަށް މި އިވެންޓް ގެނެސްދިނުމަށްޓަކައި ދިރާގުގެ ހައި ސްޕީޑް ޑިޖިޓަލް ކަނެކްޓިވިޓީ މެދުވެރިކޮށް އެފަރާތްތަކަށް ފުރިހަމައަށް ޓޯންމެންޓް ބަލާލުމުގެ ފުރުސަތު މަގުފަހިކޮށްދީފައި ވާނޭކަމަށް މިރްޝާން ވިދާޅުވިއެވެ.

" އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދިޔުމަށް ދިރާގުން ވެދެއްވާ ދީލަތި އެހީތެރިކަމަށް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަންގެ ޗެއަރމަން، މުޙައްމަދު ސޮބާހް ވިދާޅުވިއެވެ.