ޔޫކްރެއިންގައި ރަޝާއިން ހިންގާ "އަސްކަރީ ޙަރަކާތް"ތަކާ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ރަޝާއަށް ކިތަންމެ އުނދަގުލެއް ކުރިމަތިކުރުވި ނަމަވެސް އެގައުމުތަކަށް މަގުޞަދު ހާސިލް ނުކުރެވޭނޭކަމަށް ރަޝާގެ ރައީސް ވުލްޑްމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ރަޝާގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޕޫޓިން ވިދާޅުވީ، ރަޝާއަށް އެކިގޮތްގޮތުން އުނދަގޫތައް ކުރިމަތި ކުރަމުން އަންނަ ގައުމުތައް، އެބައިމީހުން ބޭނުންވާ ލަނޑުދަނޑިއާ ހަމައަށް ވާސިލްވުމުގައި ފޭލިވެފައިވާ ކަމަށެވެ.

ޕޫޓިން އެބައްދަލުވުމުގައި ވިދާޅުވީ، މިއަދު އެ ބައްދަލުވުމުގައި ރަޝާއިން މަޝްވަރާކުރަމުން ގެންދަނީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރައްކާތެރިވެތިބުމަށް ކުރާންހުރި ކަންތައްތަކާއި، އަދި ރަޝާއަށް ތަފާތު ގޯނާތައްކުރަމުން އަންނަ ގައުމުތަކުގެ އުނދަގުލުން ސަލާމަތްވާން ހުރި ކަންތައްތަކާ ގުޅޭގޮތުން ކަމަށެވެ.

"މިހާތަނަށް ރަޝާއާ ގުޅުންހުރި ކަންކަމުގައި އެގައުމުތަކަށް އެބައިމީހުންގެ މަގުސަދު ހާސިލްވެފައެއް ނެތް، އަދި އަހަރެން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތްތާނގައިވެސް އެކަން ހާސިލެއް ނުވާނެ" ރަޝާގެ ރައީސް ވިދާޅުވިއެވެ.