މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ ސާފުތާހިރުކަމުގެ މައްޗަށެވެ. އެގޮތުން ޚުތުބާގެ މައުލޫއަކީ "އިސްލާމް ދީނަކީ ސާފުތާހިރުކަމުގެ ދީން" އެވެ.

މިއަދުގެ ޚުތުބާގައި ބުނީ، މުސްލިމުންގެ ޢާންމު ޙާލާތްތަކުގައްޔާއި، އަމިއްލަ ދިރިއުޅުމުގައްޔާއި، އަޅުކަން އަދާކުރުމުގައްޔާއި، ވެށިބެލެހެއްޓުމުގައިވެސް ސާފުތާހިރުކަމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށެވެ.

އިސްލާމްދީނުގައި ސާފުތާހިރުކަމުގެ ދާއިރާ ވަރަށް ފުޅާކަން ބަޔާކޮށް ޚުތުބާގައި ބުނީ، "ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅައެއްބައި" ކަމަށް ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَގެ ޙަދީޘްފުޅެއްގައި ވާކަމަށެވެ. އަދިވެސް ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ތިޔަބައިމީހުން މި ހަށިގަނޑުތައް ސާފުތާހިރުކުރާށެވެ! މާތްﷲ ތިޔަބައިމީހުން ތާހިރުކުރައްވާނެތެވެ.

މީގެއިތުރުން މިއަދުގެ ޚުތުބާގައި ވަނީ، މަގުމަތީގެ ސާފުތާހިރުކަމަކީވެސް އިސްލާމްދީނުގައި އަޅުކަމުގެ ދަރަޖަ ދެވިފައިވާ ކަމެއް ކަމަށާއި، މަގުމަތިން ކުނިބުނި ނަގައި ސާފުކުރުމަކީ އީމާންތެރިކަމުގެ ތެރެއިންވާ ކަމެއްކަމަށް ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَގެ ޙަދީޘްފުޅުކުރައްވާފައިވާ ކަމަށެވެ.

ޝަހްޞީ ސާފުތާހިރުކަމަކީވެސް އިސްލާމްދީނުގައި ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ނިޔަފަތިކެނޑުމާއި، މަތިމަސް ބޭލުމާއި، ފޫޅުންތިރީގެ އިސްތަށިބޭލުމާއި، ކިހިލިފަތްދޮށުން އިސްތަށި އުފުރުން ޝަހްޞީ ސާފުތާހިރުކަމުގެ ތެރޭގައި ހިމެނޭކަމަށެވެ.

މީގެ އިތުރުން މާﷲއަށް އަދާކުރާ އަޅުކަންތަކުގައި ވެސް ސާފުތާހިރުވުން ޝަރުތުކުރައްވާފައިވާ ކަމަށާއި، އަދި ކުޑަކަމުދިއުމަށްފަހު ސާފުތާހިރު ނުވުމަކީ ކައްވަޅުގެ އާޒާބުލިބޭ އަމަލެއްކަންވެސް ޚުތުބާގައިވެއެވެ.