ނާބްލްސް، ފަލަސްތީން: އިޒްރޭލުން އިންސާނިއްޔަތާ ޚިލާފް އެތަކެއް ޖަރީމާތަކެއް ހިންގަމުން އަންނަ، ފަލަސްތީނުގެ ސަރަހައްދެއް ކަމަށްވާ ހުޅަނގުއައްސޭރީގެ އިސްތިއުމާރުކޮށްފައިވާ ސަރަހައްދުގައި ފޯރިމަރަމުން ދިޔަ ޔަހޫދީ ސިފައިންގެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

ބުރާސްފަތި ދުވަހު ހިނގި މިހާދިސާގައި އިޒްރޭލް ސިފައިންގެ މީހާގެ ގަޔަށް ބަޑިޖެހިކަމުގެ ޒިންމާ ނަގާފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ އަލް ހަމާސްގެ ހަނގުރާމަވެރީންނެވެ.

ފަލަސްތީނުގައި ޔަހޫދީންގެ އަނިޔާވެރިކަން އަނެއްކާވެސް އިތުރުވެފައިވާ މި ދަނޑިވަޅުގައި، އުމުރުން 22 އަހަރުގެ ޝިލޯ ޔޫސުފް އާމިރް ނަމަކަށް ކިޔާ ޔަހޫދީންގެ ސިފައިންގެ މީހާއަކީ، މި ހަފްތާ ތެރޭ އެ ސަރަހައްދުގައި މިގޮތަށް ބަޑިޖަހައި މަރާލި ދެވަނަ މީހާއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ ޝައްކުކުރެވޭ ވެހިކަލެއް ބަލައިފާސްކުރުމުގެ މަސައްކަތް ކުރަނިކޮށް، އޭގެތެރޭން މީހަކު ނުކުމެ ބަޑިން ހަމަލާދިނުމާ ގުޅިގެން ކަމަށެވެ. އަދި ބަދަލުގައި އިސްރާއީލު ސިފައިން ހަމަލާ ދިންނަމަވެސް އެމީހާ ފިލައިގެން ދިޔަކަމަށާއި ފަހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފަލަސްތީނުގެ މަސްދަރުތަކުން ހާމަކުރާގޮތުން، އިސްރާއީލު ސިފައިންވަނީ، ހަމަލާދިން މުޖާހިދުގެ އަވަށުގައި ދިރިއުޅޭ އޭނާގެ ކޮށްކޮއާއި ބައްޕަވެސް ފަހުން ހައްޔަރުކޮށްފައެވެ.

ޔަހޫދީންގެ ސިފައިންގެ މީހާ މަރާލިކަމުގެ ޒިންމާ ނަގާފައި ވަނީ، އަލް ހަމާސްގެ ގޮތްޕެއްކަމަށްވާ ޢިއްޒުއްދީން އަލް ޣައްސާމް ބްރިގޭޑުންނެވެ.