ނިއުޔޯކްސިޓީ: ފަލަސްތީނުގެ ހުޅަނގުއައްސޭރީގައި އިޒްރޭލުން ޙިޞާރުކޮށްފައިވާ ސަރަހައްދެއް ކަމަށްވާ ޖެނިންގެ ރެފިއުޖީ ކޭމްޕެއްގައި ޔަހޫދީ ސިފައިން މި ހަފްތާތެރޭ ކުރިއަށް ގެންދިޔަ ދެދުވަހުގެ ބަލައިފާސްކުރުމެއްގައި، ބޭނުންކުރާން ނުޖެހޭވަރަށް ބާރުގެ ބޭނުންކޮށްފައިވާތީ އެކަން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރަސް ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ޖެނިންގެ ރެފިއުޖީ ކޭމްޕުގައި އިޒްރޭލުން ހިންގި މި ލާއިންސާނީ ޖަރީމާގައި، މަދުވެގެން 12 މީހަކު ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި 5 ކުޑަކުދީންވެސް ހިމެނެއެވެ. މީގެ އިތުރުން އެތަނުގެ ޢިމާރާތްތަކަށް ވަރަށް ބޮޑަށް ގެއްލުންދީ ހަލާކުކޮށްލާފައިވާއިރު، 4000 އަށް ވުރެ ގިނަމީހުން ވަނީ ގަދަކަމުން އެ ސަރަހައްދު ބޭރުކޮށްލައިފައެވެ.

ބުރާސްފަތި ދުވަހު ނިއުޔޯކުގައި ހުންނަވައިގެން ގުތެރަސް ވިދާޅުވީ،  އިޒްރޭލުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނާ މެދު ހިންގާ އަނިޔާވެރިކަމާއި ބިރުދެއްކުމުގެ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެތަކެއް ހާސް ރެފިއުޖީން ދިރިއުޅޭ ތަނަކަށް ކުޑަވެސް ބަލައިލުމެއް ނެތި، ވައިގެ މަގުންނާއި އެއްގަމުމަގުން މިހާރު ދެމުންގެންދާ ހަމަލާތަކަކީ މިހާތަނަށް އިޒްރޭލުން ހިންގަމުންގެންދާ އެންމެ އަނިޔާވެރި އެއް ޖަރީމާކަމަށެވެ.

މީގެ އިތުރުން، އިޒްރޭލުން ކުރިއަށް ގެންދާ އޮޕަރޭޝަން ތަކުގައި، އާންމުންނާ ދެކޮޅަށް ހަތިޔާރާއި ނަހަމަ ބާރުގެ ބޭނުން ނުކުރުމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކައް ބޯލަނބައި، އިންސާނިއްޔަތާއި އިންސާނީ ހައްގުތަކަށް އިޙްތިރާމްކުރުމަށް އެކުވެރި ދައުލަތްތަކުގެ ވެރިޔާ ގޮވައިލެއްވިއެވެ.

އިޒްރޭލުން 2002 ވަނަ އަހަރު ޖެނިންގައި ހިންގި އަނިޔާވެރި ޢަމަލަށްފަހު، މިހާތަނަށް އެތަނުގައި ހިންގާ އެންމެ ވަރުގަދަ އޮޕަރޭޝަނުގައި އެތަކެއް ހާސް އާންމު ރައްޔިތުންމަށް އަނިޔާވެ ފުރާނައަށް ނުރައްކާވަމުންދާއިރު، އެ ސަރަހައްދުގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށްވެސް ޔަހޫދީ ޖައްލާދުން ދަނީ ހުރަސްއަޅަމުންނެވެ.