މެނީލާ: ފިލިޕީންސްގެ ދަނޑުވެރީން ލޯނުގެ ގޮތުގައި ނަގާފައިވާ 1 ބިލިއަން ޑޮލަރަށްވުރެ ބޮޑު ދަރަނި، އެގައުމުގެ ރައީސް ފަރޑިނަންޑް މަރކޯސް މާފްކޮށްދެއްވައިފިއެވެ.

މާކޯސް ވިދާޅުވީ، މިއީ އެގައުމުގައި ކާބޯތަކެތި އުފެއްދުން ހަރުދަނާކުރުމަށް އެޅި ފިޔަވަޅެއް ކަމަށާއި، ދަނޑުވެރީންގެ މި ލޯނުތައް ނުދެއްކި މިހާތަނަށް ގޮސްފައިވަނީ ދެއްކޭނޭ ގޮތެއް ނެތިގެންކަން ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

"ނިއު އެގްރޭރިއަން އިމަންސިޕޭޝަން އެކްޓް"ގެ ނަމުގައި ތަސްދީގުކުރި ގާނޫނާއެކު، 1988 ވަނަ އަހަރު ފެށީ ލޭންޑް ރިފޯމް ޕްރޮގްރާމްގެ ދަށުން 30 އަހަރު ދުވަހުގެ ތެރޭގައި ދައްކާގޮތަށް ލޯނު ނަގައި، އެ ނުދެއްކި ދަރަނިވެރިވެފައިވާ ފަރާތްތަކުން ދައްކާންޖެހޭ ހުރިހާ ފައިސާއެއް މާފުވީއެވެ.

މާކޯސް ވިދާޅުވީ، ދަރަނި ނުދެއްކޭ ހާލަތުގައި ތިބި ދަނޑުވެރީންގެ ދަރަނިތައް ސަރުކާރަށް ނެގުމަކީ މިވަގުތު އެގައުމުގެ ހާލަތަށް ބަލާފައި އެންމެ ރަނގަޅު ގޮތްކަމަށާއި، ދައުލަތުގެ ބޭންކުތަކުން ރައްޔިތުން ނަގާފައިވާ މި ލޯނުތައް މާފުކުރުމުގެ ބޭނުމަކީ، ފިލިޕީންސް ރައްޔިތުންގެ ބަނޑުފުރާނަމުއްތިކުރާން ޖެހޭ ހުރިހާކަމެއް ސަރުކާރުން ކުރުންކަމަށެވެ.

ފިލިޕީންސްގައި 1988 ވަނައަހަރު ފާސްކުރި ގާނޫނެއްގެ ދަށުން، ދަނޑުވެރިކަން ކުރުމަށް ގާތްގަނޑަކަށް 11.9 މިލިއަން އޭކަރުގެ ބިން، ތިން މިލިއަނެއްހާ ދަނޑުވެރީންނަށް ދޫކޮށްފައިވެއެވެ.

ދަރަނި މާފުކުރުމުގެ ސަބަބުން ގާތްގަނޑަކަށް 610،000 ދަނޑުބިންތަކަށް އޭގެ ފައިދާ ކުރާނެކަމަށް ބެލެވޭއިރު، ދައުލަތައް ގާތްގަނޑަކަށް 1.04 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން އުފުލާން ޖެހޭކަން މާރކޯސް ފާހަގަކުރެއްވިއެވެ.