ކޮންމެ ފަރުދަކަށް ވެސް މޯބައިލް ސިމްކާޑު ގަނެވޭ އަދަދު ލިމިޓްކޮށް، ދެ ހަފްތާތެރޭ އެކަމާ ގުޅޭގޮތުން އެކުލަވާލައިފައިވާ ޤަވާޢިދަށް ޢަމަލުކުރާން ފަށާނޭކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފިއެވެ.

މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ކޭމްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ އެ ގަވާޢިދު އެކުލަވާލާފައިވާ ކަމަށާއި މިހާރު އޮތީ ފަހުގެ އެޕްރޫވަލްއާ ހިސާބުގައި ކަމަށެވެ. އަދި މަސައްކަތް ދިގުލައިގެން ގޮސްފައި ވަނީ، ގިނަ ފަރާތްތަކަކާއެކު މަޝްވަރާތައް ކުރާން ޖެހުމުން ކަމަށާއި ނަމަވެސް، ކުރިއަށް އޮތް ދެ ހަފްތާތެރޭ ސިމް ވިއްކުން ލިމިޓްކުރުމުގެ ބަދަލު ގެނެސް އެގަވާޢިދު ތަންފީޒުކުރާން ފަށާނޭކަމަށެވެ.

ސިމް ކާޑު ގަނެވޭ އަދަދު ލިމިޓްކުރާން ނިންމީ، ރާއްޖޭގައި ހިންގާ ފައިސާގެ ސްކޭމްތައް މަދުކުރުމުގެ ގޮތުންނެވެ. އަދި ކޮންމެ މީހަކަށް ގަނެވޭ ސިމްގެ އަދަދު ލިމިޓްކުރުމަށް ހަދާން ޖެހޭ ގަވައިދު 15 ދުވަހުގެ ތެރޭގައި ނިންމުމަށް މިދިޔަ އޭޕްރީލްމަހުގެ ފަހުކޮޅުގައި ރައްޔިތުންގެ މަޖިލީހުން ކޭމްއަށް ވަނީ އަންގައިފައެވެ.

މިހާރުވެސް އެކެއްގެ ނަމުގައި ގިނަ ސިމްތަކެއް ނަގާފައި ހުންނަކަން ފާހަގަކުރެވޭއިރު، ސިމްކާޑު ލިމިޓްކުރުން ތަންފީޒުކުރާން ފެށި ނަމަވެސް، ކުއްލިއަކަށް އެ އަދަދަށް ސިމްކާޑު މަދުކުރާން ނާންގާނެ ކަމަށާއި، ނަމަވެސް، ވަކި މުއްދަތެއް ދިނުމަށް ފަހު، ލިމިޓް ނުކޮށްފި ނަމަ، ސިމްކާޑު ބްލޮކްކުރާނޭ ކަމަށްވެސް ކޭމުން ބުނެއެވެ.