މާލޭ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ދެމުންއަންނަ ސަޕްލައި ފެނުގެ ޚިދުމަތް ހޯދާ ފަރާތްތަކުން، މަހުންމަހަށް ދައްކާންޖެހޭ ބިލްތައް ނުދެއްކި އަރާފައިވާ ޖޫރިމަނާތައް މާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ހިންގާން އެކުންފުނިން ނިންމައިފިއެވެ.

މިފަދަ ޕްރޮގްރާމެއް މީގެކުރީން 2019 ވަނަ އަހަރު ވެސް އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔައެވެ.

 ފުރުޞަތުގެ ބޭނުން ހިފައި، ފާއިތުވި މަސްތަކުގެ ފެން ބިލްތަކަށް ދައްކަންޖެހޭ ފައިސާ އެއްފަހަރާ ދައްކައި ޚަލާސް ކުރުމަށް ކަސްޓަމަރުންގެ ކިބައިން އެދެމުން އެކުންފުނިން ބުނީ، މިޕްރޮގްރާމުގެ ދަށުން، ޖޫރިމަނާ މަޢާފްކޮށްދޭނީ ފެން ބިލަށް ނުވަތަ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ އެއްފަހަރާ ދެއްކުމަށްފަހު، ޖޫރިމަނާ މަޢާފްކޮށްދިނުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލް އަކުން ކުންފުންޏަށް ހުށައެޅުމުން ކަމަށެވެ.

މީގެ އިތުރުން އެކުންފުނިން ބުނީ، ޕްރޮގްރާމް ކުރިއަށް ގެންދާނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ކަމަށާއި މިޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ނަމްބަރ 105 އަށް ގުޅުމުން، ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވައިގެން ނުވަތަ [email protected] އަށް މެއިލްކުރުމުންވެސް ލިބޭނެކަމަށެވެ.