ދަ ޑިމޮކްރެޓިކްސްގެ ނަމުގައި ޕާޓީއެއް އުފައްދާން އިލެކްޝަންސް ކޮމިޝަނުން ދިން ހުއްދައިގެ ދަށުން ކުރާންޖެހޭ ކަންކަން ފުރިހަމަކުރުމުން، އެ ޕާޓީ އުފައްދާން ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދިނުމަށް ކޮމިޝަނުން ލަސްކުރިކަމަށް ބުނެ އެކި ފަރާތްތަކުން ފަތުރަނީ ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ހ. ސީވީޑް ހަސަން ލަތީފަށް "ދަ ޑިމޮކްރެޓިކްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް 24 މޭ 2023ގައި އެކޮމިޝަނުން ދިން ހުއްދައިގެ ދަށުން، އެފަރާތުން ހުށަހަޅާފައިވާ 3560 ފޯމުގެ ސައްހަކަން އެއްކޮށް ކަށަވަރުކުރެވިފައި ނުވި ނަމަވެސް، ޕާޓީ އުފައްދާން ބޭނުންވާ 3000 ފޯމުގެ ސައްހަކަން ކަށަވަރުކޮށް، ޕާޓީ އުފައްދާން ބާއްވަންޖެހޭ ބައްދަލުވުމުގެ ހުއްދަ ޖުލައި 2ގައި ދީފައިވާ ކަމަށެވެ.

ނަމަވެސް، އެރެއިން އެރެއަށް ޕާޓީ އުފައްދާ ބައްދަލުވުން ބާއްވާން ހުއްދަދިނުމަށް އެ ކޮމިޝަންގެ އަޣްލަބިއްޔަތު ލިބިފައި ނުވުމުން، އިސްވެ ދެންނެވުނު ހުރިހާކަންކަން ފުރިހަމަކުރުމަށްފަހު، ޖަލްސާބޭއްވުމުގެ ހުއްދަ ޖުލައި 2ގައި ދިނީކަމަށް އެ ކޮމިޝަނުންބުނެއެވެ.

އިލެކްޝަނުން ބުނީ، ޑިމޮކްރެޓްސް އުފައްދާން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމާގުޅޭ ގޮތުން 18 ޖޫން 2023 ވީ އާދީއްތަ ދުވަހުގެ ރޭ ބޭއްވުނު ކޮމިޝަނުގެ ކުއްލި ޖަލްސާގައި ދަ ޑިމޮކްރެޓިކްސްއިން ހުށަހެޅި ފޯމުތައް 3 މަސްދުވަހަށް ދަންމާލަން އެއްވެސް މެންބަރަކު ހުށަހަޅައި މަޝްވަރާކޮށްފައި ނުވާނޭ ކަމަށާއި، އެކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަނީ ކޮމިޝަނަށް މަތިކޮށްފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ކަމަށާއި ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ކޮމިޝަނުގެ ޙުރުމަތް ކެނޑޭގޮތަށް އަދި ރައްޔިތުންގެ މެދުގައި ކޮމިޝަނާމެދު އިތުބާރު ގެއްލޭގޮތަށް ހަގީގަތާ ޚިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރާކަމަށެވެ.

ކޮމިޝަނުން މިހެން ބުނި ނަމަވެސް، ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް ފުއާދ ތައުފީގު ވަނީ، ޑިމޮކްރެޓްސް އުފައްދާން ހުއްދަދިނުމަށް ބާއްވާ ޖަލްސާ ނުބޭއްވި ލަސްވަނީ ކޮމިޝަންގެ ބައެއް މެންބަރުން އޭނާއާ މެދު ހިތްހަމަ ނުޖެހޭތީ ކަމަށާއި، ނަމަވެސް، ރައްޔިތުންނާ ގުޅޭ މިފަދަކަމެއްގައި މެންބަރު އެގޮތަށް އަމަލުތައް ބެހެއްޓުން އެއީ ކޮމިޝަން ފެއިލްވެފައިވާކަމުގެ ހެއްކެއްކަމަށް ވިދާޅުވެފައެވެ.