އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވާފައިވާ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ސިއްހީ ހާލުކޮޅު ކުއްލިއަކަށް ބޮޑުވެ، އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގައި އޭނާއަށް ފަރުވާދޭން ފަށައިފިއެވެ.

މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން ބުނީ، އެ ޕާޓީގެ ލީޑަރު އަދީބުގެ ސިއްހީހާލުކޮޅު ވަރަށް ބޮޑަށް ސީރިއަސްވެ، އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އަދީބަށް ކުރިމަތިވެފައި ވަނީ ފުރާނައަށް ނުރައްކާވާފަދަ ނިއުރޮލޮޖީ ހާލަތެއް ކަމަށާއި، އޭނާގެ އިތުރު އެސެސްމަންޓްތައް ހަދަމުން އަންނަ ކަމަށެވެ.

ފުރާނައަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިވެ، އައިޖީއެމްއެޗްގައި އަދީބު އެޑްމިޓްކޮށް ފަރުވާދެމުން މިދަނީ، އޭނާ ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފުރުއްވާން އުޅުއްވާކަމުގެ އަޑުތަކެއްވެސް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ކަރެކްޝަންސުން އެ ތުހުމަތުތައް ދޮގުކުރެއެވެ.