ހުޅުމާލެއިން މާލެއަށް ބަނގުރާ އެތެރެކުރި ދެމީހަކު، އެމީހުން އެތެރެކުރި ބަނގުރަލާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ބުދަދުވަހުގެ ރޭ ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލެއަށް އެ ކާރު އައުމުން، ބުރިޖާ ހިސާބުން އެ ކާރު ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ކާރު މަޑުނުކޮށް ދިއުމުން ގަލޮޅު ޕޮލިހުގެ ފުލުހުން އެ ކާރު ފަހަތުން ގޮސް ކާރު ހުއްޓުވާފައިވާ ކަމަށެވެ. އަދި މާލޭ ސީގަލް ކަންމަތިން ކާރު ހުއްޓުވައި ކާރުގައި ތިބި 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކާރު މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ގޮސް، އެ މީހުން ގެންގުޅުނު ކޮތަޅެއް ފިލިގަސް މަގަށް އެއްލައިލި ކަމަށާއި އެ ކޮތަޅު ބަލައިފާސްކުރި އިރު އޭގެ ތެރޭގައި 24 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލހުން އިތުރަށް ބުނީ، ޑްރަގް އެންފޯސްމަންޓުން އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިހާރަކަށް އައިސް މާލެއާއި ހުޅުމާލޭންވެސް އާދަޔާ ޚިލާފަށް ބަނގުރަލުގެ މައްސަލަ އިތުރުވެފައިވާ ކަމަށް އާންމުން ބުނެއެވެ. އަދި ފުލުހުންގެ ތަފާސް ހިސާބުތަކުންވެސް މިކަން ފެނެއެވެ.