މަސްތުވާތަކެތީގެ ވިޔަފާރި ކުރާތީ ފުލުހުންގެ އިންޓެލިޖެންސަށް ލިބު މައުލޫމާތާ ގުޅިގެން ލ. މާވަށާއި ތ. ވިލުފުށީގައި ހިންގި ދެ އޮޕަރޭޝަނެއްގައި އެ ދެރަށުން ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ބުދަ ދުވަހުގެ ރޭ ލ. މާވަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 21 އަހަރުގެ މީހަކު، ގެއެއްގެ ތެރެއިން ހައްޔަރުކޮށް ބަލައިފާސްކޮށްފައިވާކަމަށާއި، އަދި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ތ. ވިލުފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި މަހު 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 28 އަހަރުގެ މީހަކު އެރަށުން ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ވިލުފުށީ މެޖިސްޓްރޭޓް ކޯޓުން އެމީހާގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު، މި ދެ މައްސަލަވެސް އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.