ރައީސް ނަޝީދަށް ތާޢީދުކުރާ ފަރާތްތަކުން އުފައްދާ އާ ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާގައި އެޕާޓީގެ ނަމާއި ކުލައާއި ދިދައާއި ލޯގޯ ފާސްކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީ އުފައްދާން މަދުވެގެން 300 މެންބަރުންނާއެކު ބާއްވަން ޖެހޭ ޖަލްސާ ބުދަދުވަހުގެ ރޭ ޣިޔާސުއްދީން ސްކޫލްގައި ބޭއްވިއިރު، މި ޖަލްސާގައި 480 ވަރަކަށް މެންބަރުން ބައިވެރިވިއެވެ.

ދަ ޑޮމޮކްރެޓްސްގެ ކުލައަކީ މަޑު ނޫކުލައެވެ. މިއީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ތާރޑްވޭ ޑިމޮކްރެޓްސް އިންވެސް ބޭނުންކުރާ ކުލައާ ދާދި އެއް ކުލައެކެވެ. ޕާޓީގެ ލޯގޯއަކީ އިނގިރޭސިން ކިޔާ "އެސްޓަރިކްސް" ނިޝާނެވެ. މިއީ ދިވެހި ރުކާއި، މުރަކަ ފަދަ ކަންކަން ރަމްޒުކޮށްދޭ ނިޝާނެއްކަމަށް ޕާޓީގެ ވަގުތީ ޗެއަރ ޕަރސަންކަމަށް އައްޔަންކުރެވުނު އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގުދާއިރާގެ މަޖްލިސް މެންބަރު ޙަސަން ލަތީފު ވިދާޅުވިއެވެ.

މި ޖަލްސާގައި ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ފާސްކުރުމުގެ އިތުރުން ޕާޓީގެ އޮފީސްވެސް ކަނޑައެޅިއެވެ. ޕާޓީގެ އިދާރީ އޮފީސް ހުންނާނީ ހެންވޭރު މައިޒާންދޮށުގޭގައި ކަމަށް ވަނީ ފާސްކޮށްފައެވެ.

ރައީސް ނަޝީދު ދަ ޑިމޮކްރެޓްސްއާ އަދި ގުޅިވަޑައި ނުގެންކަމުގައިވީ ނަމަވެސް، އެމަނިކުފާނު މި ޖަލްސާގައި ބައިވެރިވެވަޑައިގެން، ރައީސް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި، އެމްޑީޕީގައި މިހާރު ތިބީ ކުޑަފަޅި ކަމަށާއި އެޕާޓީގެ ބޮޑުބައި ޑިމޮކްރެޓްސްއާ ގުޅެމުންދާކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން މީގެ ކުރީން އިއުލާނުކުރައްވައިފައެވެ. ނަމަވެސް، އެއީ އަދި ކޮން ޕާޓީއަކާއެކުކަން ހާމައެއް ނުކުރައްވައެވެ. މި ވަގުތު އަލަށް އުފެދުނު އިދިކޮޅު ޕާޓީން ދަނީ، މިހާރު އިންތިޚާބުގައި ވާދަކުރައްވާނޭކަން އިއުލާނުކުރައްވާފައިވާ ކުރީގެ ރައީސް ޔާމީންގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ގުޅިގެން ރައީސް އިބްރާހީމްގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.