މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ރިހެބިލިޓޭޝަން  ފްރޭމްވަރކްގެ ދަށުން 55 ގައިދީއަކަށް މާފުށީ ޖަލުގައި ލައިފްސްކިލްސް ކްލާސްތަކާއި ދީނީ ކްލާސްތަކުގެ އިތުރުން ފުޓްޑްރިލް އާއި ޕީޓީ ކްލާސްތަކެއް ފަށައިފިއެވެ.

އެމްސީއެސްއިން ބުނީ، މިއީ، އެ ސަރވިސްއިން ކުރިއަށް ގެންދާ، ރިހެބިލިޓޭޝަން  ފްރޭމްވަރކްގެ ފޭސް އެކެއްގެ 19 ވަނަ ބެޗް ކަމަށެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަޤްޞަދަކީ ޤައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމަޢަށް ނުކުންނައިރު އެފަރާތްތަކަކީ އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށްމަގުފަހިކޮށްދިނުން ކަމަށް ކަރެކްޝަނުން ބުނެއެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކް އެކުލެވިގެންވަނީ ހަތަރު ފޭސްއެއްގެ މައްޗަށެވެ. އެއީ ޤައިދީންގެ ކިބާގައި “ޑިސިޕްލިން” ބިނާކުރުމާއި އެމީހުންނަށް “ސައިކޮލޮޖީ ޕްރޮގްރާމްތައް” ހިންގުމާއި “އެޑިއުކޭޝަން އަދި ވޮކޭޝަން” ދަސްކޮށްދިނުމުގެ އިތުރުން “ޕްރިޒަން ކޮމިއުނިޓީ ސަރވިސް” އެވެ.