މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗުގެ މަގާމަށް ބޮސްނިއާގެ ކޯޗެއް ކަމަށްވާ މިލޮމީރް ސެސްލިޔާ ހަމަޖައްސައިފިއެވެ.

މީގެ 20 ވަރަކަށް އަހަރު ކުރީން ކޯޗިންދާއިރާއާ ގުޅުނު، މިހާރު އުމުރުން 58 އަހަރުގެ މިލޮމީރަކީ ބޮސްނިއާ އަދި ސާބިއާގެ އިތުރުން އޭޝިއާގައި ތަޖްރިބާތަކެއް ލިބިފައިވާ ކޯޗެއްކަން ފާހަގަކޮށްލެވެއެވެ.

މާޒިޔާއާއެކު ނިމިދިޔަ ފުޓްބޯޅަ ސީޒަންގެ ޗެރިޓީ ޝީލްޑާއި ޕްރެޒިޑެންޓްސް ކަޕް އުފުލައިލި ބަލްގޭރިއާގެ ކޯޗު އިވާން ވެންކޯފް  އެ ކްލަބާ ވަކިވީ މިސީޒަން ފެށުނު ފަހުންނެވެ. އަދި މިލޮމީރަކީ އެ ކްލަބާ މިހާތަނަށް ގުޅުނު 5 ވަނަ ބިދޭސީ ކޯޗުކަންވެސް ފާހަގަކޮށްލެވެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މާޒިޔާއަށް ސޮއިކުރުމަށް ފަހު ކޯޗު ބުނީ، ލީގު ފަށަން ކުޑަތަންވެފައިވާ މި ދަނޑިވަޅުގައި މާޒިޔާއަށް ދަސްކުރާން ވަގުތު ބޭނުން ކަމަށެވެ. އަދި ވާދަވެރި މެޗުތަކެއް ނުކުޅެ އޭއެފްސީ ކަޕާ ކުރިމަތިލާއިރު ގޮންޖެހުންތަކެއް ހުންނާނޭ ކަމަށާއި ނަމަވެސް އޭނާގެ ކޯޗިންގ ސްޓާފުންނާއި ކުޅުންތެރީންގެ އެއްބާރުލުމާއެކު ރަނގަޅަށް ތައްޔާރުވެވޭނޭ ކަމުގެ ޔަގީންކަން އޭނާ ދެއެވެ.