އުމުރުން އެންމެ 6 އަހަރުގައި އިނގިރޭސި ޕްރިމިއަރ ލީގު ކްލަބް ޗެލްސީގެ އެކަޑެމީން ތަމްރީނުތަށް ފެށި، މިހާރު އުމުރުން 24 އަހަރުގެ މިޑްފީލްޑަރު މޭސަން ޓޯނީ މައުންޓް އެ ކްލަބު ދޫކޮށް ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

ޗެލްސީގައި 18 އަހަރު ދުވަސް ހޭދަކުރުމަށް ފަހު، އިނގިރޭސި ޒުވާން މިޑްފީލްޑަރ ޔުނައިޓެޑާ ގުޅުނީ، 60 މިލިއަން ޕައުންޑުގެ ޑީލެއްގައި 5 އަހަރު ދުވަހުގެ މުއްދަތަށެވެ.

ޗެލްސީން މެންޔޫއަށް ބަދަލުވުމާ ގުޅޭގޮތުން މައުންޓް އޭނާގެ ފޭނުންނަށް އަމާޒުކޮށް، އިންސްޓަގްރާމްގައި ލިޔުނި ޕޯސްޓެއްގައި ބުނީ، މިއީ އޭނާއަށް އުނދަގޫ ނިންމުމެއް ކަމަށާއި، ނަމަވެސް އޭނާގެ ފުޓްބޯޅަ ކެރިއަރަށް ބަލާފައި ނިންމި ނިންމުމެއް ކަމަށެވެ. އަދި ބައެއް ސަޕޯޓަރުން އޭނާގެ މި ނިންމުމާ މެދު އެހާ އުފާ ނުވާނޭކަން ގަބޫލުކުރާ ކަމަށާއި، ޅައިރުއްސުރެ މިހާތަނަށް ހޭދަކުރި ފުޓްބޯޅަ އާއިލާގެ މަތިން އޭނާ އަބަދުވެސް ހަނދާން ހުންނާނޭކަމަށް ބުނެފައިވެއެވެ.

މައުންޓް ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024ގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، ކްލަބައެކު ކުރެވުނު ބައެއް މަޝްވަރާތަކާއެކުވެސް އޭނާ ޗެލްސީގައި މަޑުކުރުމާ މެދު އެއްބަސްވުމަކަށް ނާދެވި އެންމެ ފަހުން ޔުނައިޓެޑާ ގުޅެން ނިންމީއެވެ.

މައުންޓް ވަނީ ޗެލްސީއާއެކު އިނގިރޭސި ޔޫތުކަޕް، ޕްލޭޔަރ އޮފްދަ އިޔަރ، އަދި ޕްރިމިއަ ލީގާއި އެފްއޭކަޕްގެ އިތުރުން ސުޕަރ ކަޕް، ކްލަބް ވޯލްޑް ކަޕް، އަދި ޗެމްޕިއަންސް ލީގުވެސް ހާސިލްކޮށްފައެވެ.

މައުންޓް ޔުނައިޓެޑް ސްކޮޑްގައި ރަސްމީކޮށް ފުރަތަމަ ފެނިގެންދާނޭ ކަމަށް ބެލެވެނީ، 14 އޯގަސްޓް 2023ގައި، އަން ސީޒަންގެ ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗުގައި ވުލްވްސް އާ ދެކޮޅަށެވެ.