ރ. އަތޮޅު އުނގޫފާރުން 39 މީހުންނާއެކު މާލެ ދަތުރުކުރި ފެރީ ލޯންޗެއްގެ ބެޓެރީ ގޮވުމުގެ ސަބަބުން އެއިން ދަތުރުކުރި 8 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ރ.އަތޮޅު އުނގޫފާރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް "ކްރިސްޓަލް ސްޕީޑް" ނަމަކަށް ކިޔާ ފެރީ ލޯންޗެއްގައި ހާދިސާއެއް ހިނގައިގެން، އަނިޔާ ލިބުނު ބަޔަކު އެމްއެންޑީއެފް ކޯސްޓްގާޑުން މާލެ ގެނެސްދީފައިވާ ކަމަށެވެ. ޖުމުލަ 8 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ބާކީތިބި އެންމެންގެ ހާޅުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، މާލެ އަތޮޅު އެރިޔަދޫ ރިސޯޓް ކައިރިން އެ ލޯންޗަށް ހާދިސާއެއް ދިމާވި ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީބުދަ ދުވަހު ހަވީރު 16:00 ހާއިރު ކަމަށާއި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑް "ހާބަރ ކްރާފް" ލޯންޗެއް އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން ދަނިކޮށް، "ކްރިސްޓަލް ސްޕީޑް" ލޯންޗުން ވަނީ މަޑުމަޑުން އެރިޔަދޫ ރިސޯޓަށްވަދެ އަނިޔާވި މީހުން އަވަސް ފަރުވާއަށް އެރިޔަދޫ ރިސޯޓަށް ބާލާފައި ކަމަށެވެ. އަދި އެ ރިސޯޓުން އެމީހުންނަށް ފަރުވާދީފައިވާ ކަމަށެވެ.