ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ކޭ-ޕާރކް ރެސިޑެންސްއިން ނުއަގުގައި އެޕާޓްމަންޓް ވިއްކައި، އެތައް ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން، ޙަސަން މަމްދޫހް (މަންޑޭ) ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ވަނީ، މަންޑޭގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ކޯޓް އަމުރު ބާތިލްކޮށް، ޒަރޫރީ ބޭނުމެއްގައި ރާއްޖޭން ބޭރަށް ދަތުރުކުރުމަށް 45 ދުވަހުގެ މުހުލަތެއްދީފައެވެ. އަދި އެއާއެކު އޭނާ ފިލަން އުޅޭކަމަށް ފުލުހުން ކުރި ތުހުމަތަކާ ގުޅިގެން، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކާއެކު މިހާރު މަންޑޭ ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ. އަދި ފުލުހުން ވަނީ، މަންޑޭގެ ޕާސްޕޯޓް ދޫކޮށްލާން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރާން ނިންމައިފައެވެ.

ކޭ-ޕާރކްގެ މައްސަލައިގައި މަންޑޭއާއި އިތުރު ބައެއްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، މަންޑޭ މީގެ ކުރީން ވަނީ، މިއީ އޭނާ ފްރޭމްކުރާން ބަޔަކު އަޅުވާ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފައެވެ. އަދި ފުލުހުން ވަނީ، ކޭ-ޕާރކްގެ މައްސަލައިގައި އެ އެޕާޓްމަންޓްތައް ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އަދި އެކަމާ ގުޅުންހުރި މައުލޫމާތެއް ވާނަމަ އެކަން ފުލުހުންނާ ހިއްސާކުރާން އެދިފައެވެ.