މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓްލާ މަރުކަޒުތަކަށް ވޯޓްލާން، ފުރޮޅުލީގޮނޑީގައި ދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދޭނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ބުދަ ދުވަހު ދަރުބާރުގޭގައި ބޭއްވި ރިޔާސީ އިންތިހާބާބެހޭ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް މަރިޔަމް މުނާ އެކަން ފާހަގަކުރެއްވުމުން، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ، ފުރޮޅުލީގޮނޑީގައި ވޯޓްލާން ދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަޝްވަރާކުރެވިފައިވާ ކަމަށާއި އެފަރާތަކަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެގޮތަށް ކަންކަން އިންތިޒާމްކުރާނޭކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓްލެވޭނެ އިންތިޒާމްވެސް މިހާރުދަނީ ހަމަޖައްސަމުންނެވެ. އެގޮތުން ލޯފަން ވޯޓްލާން ބޭނުންކުރާނީ ބްރެއިލް އަކުރުތޯ ނުވަތަ ވިޔަ އަކުރުތޯއާ މެދު ކޮމިޝަނުގައި މަޝްވަރާކުރަމުންދާ ކަމަށާއި އެކަމުގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. މިހާރު ވަނީ ވޯޓްލާ ފަރާތްތަކުގެ ރީ ރެޖިސްޓްރޭޝަނަށްވެސް ހުޅުވާލައިފައެވެ.