ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި، ހުޅަނގުގެ ގައުމުތަކުން މުސްލިމުންނަށް ކުރާ ފުރައްސާރަތައް ބަލައި ނުގަނެވޭނޭ ކަމަށް ޕޫޓިން ވިދާޅުވެފައި މިވަނީ، ރަޝާގެ ދިރްބިޔެންތުގައި ހުންނަ ޒޫމާ މިސްކިތަށް ކުރެއްވި ޒިޔާރަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕޫޓިން ވިދާޅުވީ، ކީރިތި ޤުރުއާނާއި އެފަދަ ދީނީ ޝިޢާރުތަކަށް ގޮންޖަހައި ބޭނުންހާ ސަކަރާތެއް ރަޝާގައި ނުޖެހޭނޭ ކަމަށާއި، އެއީ އެގައުމުގެ ގާނޫނުތައްވެސް ހުއްދަކުރާ ކަމެއް ނޫންކަމަށެވެ.

ޒޫމާގެ މިސްކިތަކަށް ޕޫޓިން ކުރެއްވި ޒިޔާރަތުގައި އެ މިސްކިތުން ވަނީ ޕޫޓިންއަށް މުސްޙަފެއް ހަދިޔާކޮށްފައެވެ. އެތަނުގައި ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކީރިތި ޤުރުއާނުގެ ޙުރުމަތްކެނޑުން ބަލައި ނުގަނެވޭނޭ ކަމަށެވެ.

ރަޝާގައި އެފަދަ އަމަލެއް ހިންގުމުގެ ފުރުސަތު ނުދެއްވާނޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ކީރިތި ޤުރުއާނަކީ މުސްލިމުންނަށް ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި އެހެންކަމުން، އެއީ އެންމެންނަށް ވެސް ހުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ދެކެން ޖެހޭނެ ކަމަށެވެ.

ޔޫކްރެއިންގެ މައްސަލައިގައި ހުޅަނގުގެ ގިނަ ގައުމުތަކާއި އެމެރިކާގެ ބައިވެރިވުމާއެކު، ރަޝާއަށް މިހާރުވެސް ބޮޑެތި ފިއްތުންތައް ކުރިމަތި ކޮށްފައިވާ މި ދަނޑިވަޅުގައި ރަޝާގެ އެންމެ ގާތް ގައުމުތަކުގެ ތެރޭގައި ތުރުކީއާއި އެނޫންވެސް މުސްލިމް ގައުމުތައް ހިމެނޭކަން ފާހަގަކޮށްލާން ޖެހެއެވެ.

އަޟްޙާ ޢީދާ ދިމާކޮށް، ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ކީރިތި ޤުރުއާނުގެ މުސްޙަފެއްގައި ރޯކޮށްލި މައްސަލައަކީ އިސްމާމީ އުންމަތާ ދެކޮށްޅަށް ހިންގާ ޓެރެރިޒަމްގެ އަމަލެއްގެ ގޮތުގައި ދުނިޔޭގެ މުސްލިމުން ގައުމުތަކުން ވަނީ ގޮވާލައިފައެވެ. ސްވިޑެންގައި ދިރިއުޅޭ ކުރުދީ ދަރިކޮޅުގެ މީހުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ގޮވައިލާ އެ ޤައުމުގެ ހައްދުފަހަނަ އެޅި ޖަމާޢަތްތަކުން ދާދިފަހުން ފެށީ މުޒާހަރާއެއްގެ ތެރޭން، ސްވިޑެންގައި މިފަހަރު މުސްޙަފް އެންދުމުގެ ހަރަކާތް ގެންދިޔައީ، އެގައުމުގެ ފުލުހުންގެ ހިމާޔަތާވެސް އެކުއެވެ. އެހެންކަމުން ދުނިޔޭގެ މުސްލިމް ގައުމުތަކުން ދަނީ މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމުންނެވެ.