ތަފާތު އެކި ދާއިރާތަކުން މިހާރުވެސް ގާތްގަނޑަކަށް 200އަށް ވުރެ ދަރިވަރުން  ތައުލީމު ހާސިލްކުރަމުންދާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އަށް ކޮލެޖެއްގެ ދަރަޖަ ދީފިއެވެ.

ސެންޓަރ ފޯރ ކެރިއަރ އެންޑް ޓެކްނިކަލް އެޑިޔުކޭޝަން (ސީސީޓީއީ)ގެ ނަމުގައި 12 ޖުލައި 2005 ގައި ވޫޖުވި، ފަހުން އެމްއައިޓީއަށް ނަންބަދަލުކުރި މި އިންސްޓިޓިއުޓްގައި ތަފާތު ދާއިރާތަކުން 50އަށް ވުރެ ގިނަ ކޯސްތައް ހިންގައެވެ.

 މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިން، އެމްއައިޓީއަށް ކޮލެޖެއްގެ ދަރަޖަ ދީ، އެކަމުގެ ލިޔުން އެ އިންސްޓިޓިއުޓާއި ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނެވެ. މި ރަސްމިއްޔާތުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެމްއައިޓީއަކީ މިހާރުވެސް ގިނަ އަދަދެއްގެ ދަރިވަރުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ނެރުމުގައި އެހީތެރިވާ އިންސްޓިޓިއުޓެއްކަން ފާހަގަކޮށްލެވެއެވެ. އެމްއައިޓީން ކޯސް ހިންގާ ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ، ޕްރޮފެޝަނަލް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް، މެކޭނިކަލް ޕްރޮގްރާމްސް، އައިޓީ އެންޑް ކޮމިއުނިކޭޝަން، ހެއަރ އެންޑް ބިއުޓީ ޕްރޮގްރާމްސް، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް، ސިވިލް އެންޑް ބިލްޑިންގ ކޮންސްޓްރަކްޝަން ފަދަ ޕްރޮގްރާމްތަކާއި، ބިޒްނަސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަނާއި ގުޅުންހުރި ތަފާތު ކޯސްތައް ވެސް ހިމެނެއެވެ.