މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެވެސް 30 މިނިޓް ކުޅެވުނު އިރު ނަތީޖާ 1-1 އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނު ސާޕް ޗެމްޕިއަންޝިޕް 2023ގެ ފައިނަލް މެޗު 4-5 އިން ކުވޭތުގެ މައްޗަށް ކުރި ހޯދައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއިން އަނެއްކާވެސް ތަށި ދިފާއުކޮށްފިއެވެ.

މިއީ، ބަންގަބަންދު ސާފް ޗެމްޕިއަންޝިޕގެ އެންމެ ކާމިޔާބު އިންޑިއާ މި މުބާރާތުގެ ތަށި އުފުލައިފި 9 ވަނަ ފަހަރެވެ. އަދި މިހާތަނަށް ބޭއްވުނު އެންމެ ވާދަވެރި، އެންމެ ވަރުގަދަ ކަމަށް ބެލެވޭ މިފަހަރުގެ މުބާރާތް އިންޑިއާއިން ކާމިޔާބުކޮށްފައި މިވަނީ ދައުވަތުދީގެން ސަރަހައްދުން ބޭރުން މުބާރާތަށް ގެނައި ކުވޭތާއި ލުބުނާނުވެސް ބަލިކޮށްފައެވެ.

އިންޑިއާއިން މި މުބާރާތް މިފަހަރު ކާމިޔާބުކަމާއެކު ނިންމައިލިއިރު، މި މުބާރާތް ވެގެން ދިޔައީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ހިތްދަތި މުބާރާތަކަށެވެ. ފުރަތަމަ މެޗުން ބޫޓާން އަތުން ރާއްޖެ މޮޅުވި ނަމަވެސް، މުބާރާތުގެ ގަދަ ހަތަރަކުން ޖާގަ ނުލިބި ފުރަތަމަ ފަހަރަށް ރާއްޖެ ކެޓީ، ގްރޫޕް ސްޓޭޖްގައި ބަންގްލަދޭޝް އަތްދަށުވެ ލަދުވެތި ގޮތަކަށެވެ.